މަގުމައްޗަށް ކުނި ނޭޅުމަށާއި، އެފަދަ ނާތަހުޒީބު ހަޑިހުތުރު އަމަލުތައް ނުހިންގުމަށް ކޮންމެ މީހަކުވެސް އަޒުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ހެނދުނު ހުޅުމާލޭގައި އާބަންކޯއިން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށް ބާއްވާ ބޮޑު ހަރަކާތް، 'ދުނިޔެ މަގޭ - ސާފު ހުޅުމާލެ' އިވެންޓް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ ސިޓީއެއްގެ ޗާލުކަން ގެނެވޭނީ ހަމައެކަނި ރީތި އިމާރާތްތަކެއް އަޅައިގެން ނޫން ކަމަށާއި، ތަހުޒީބު މުޖުތަމައެއްގައި އެންމެ ބޮޑު ސަމާލުކަމެއްދެނީ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކަމަށެވެ. ހާއްސަކޮށް އެންމެންގެ މޫނު މައްޗަށް، ލޯތަކަށް ރީތި ކުރުމަށް، ކޮންމެހެންވެސް މަގުމަތީގެ ސާފުތާހިރުކަން ކަށަވަރުކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑުމެން އަޒުމެއް ކަނޑައަޅަންވީ އެއްވެސް އެއްޗެއް މަގުމައްޗަށް އުކާނުލަންވީ. ޕްލާސްޓިކް ފުޅިއެއްވެސް، ކުނި ކޮތަޅެއްވެސް މަގުމައްޗަށް އެއްލާނުލަންވީ."
މިފަދަ އަމަލެއްގެ ސަބަބުން ތިމާއަށް އުނދަގޫ ނުވިނަމަވެސް އާއިލާގެ އެހެން މީހަކަށް ނުވަތަ އަވައްޓެރިންނަށް އުނދަގޫވެދާނެކަން ކުނި އަޅާއިރު ވިސްނަންވާނެ ކަމަށާއި، ކުނި އަޅަންވާނީ އެކަމަށް ހާއްސަ ކުނި ވަށިގަނޑުތައް ހުރިތަނަކުން ހޯދައިގެން ވަށިގަނޑުތަކަށް ކަމަށްވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ސައިކަލުތަކުގެ ވަށިގަނޑަށްވެސް ކުނި ނޭޅުމަށާއި، މިފަދަ ނާތަހުޒީބު ހަޑިހުތުރު އަމަލުތައް ނުހިންގުމަށް އަޒުމު ކަނޑައަޅަންވާނެ ކަމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުންދީ، މަގު މައްޗަށް ކުނި ނޭޅުމަކީ ކޮންމެ މީހެއްގެވެސް އަޒުމަކަށް ހަދަންޖެހޭ ކަމަށެވެ. ދިވެހިންނަށް ލިބިފައިވާ ޤުދުރަތީ ހިތްގައިމު ކަމާއި ރީތިކަމަކީ ބޮޑު ނަސީބެއް ކަމަށާއި، މިއީ ދިވެހިންނަށް ލިބޭ ޤުދުރަތުގެ އެންމެ ބޮޑުހަދިޔާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އަދި ރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ހޯދޭނީ ދިވެހިންނަށް ލިބިފައިވާ ރީތި ގޮނޑުދޮށްތަކާއި ފަރުތަކާއި މޫދުތައް ބޭރުން އަންނަ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ދައްކާ އެތަންތަން ޕްރޮމޯޓްކޮށްގެން ކަމަށް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
އަދި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ތިމާވެއްޓަށް ގެއްލުމެއް ލިބިދާނެ ކުޑަނަމަވެސް ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި މުޅި މުޖުތަމައުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ވެށި ސާފުކޮށް ބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އިލްތިމާސް ކުރައްވާ ނައިބު ރައީސް ވަނީ މިކަންކަމުގެ މުހިންމުކަން ބޮޑެތިވަމުން އަންނަ ޖީލަށް ބުނެދީ އެކުދިން ހޭލުންތެރިކުރުވުމަށްވެސް ގޮވާލައްވާފައެވެ.