މީޑިއާނެޓުގެ ފަރާތުން "ބޯޅަ ފިއެސްޓާ" މި ނަމުގައި ޚާއްސަ ކެމްޕެއިނެއް ލޯންޗްކޮށްފި އެވެ.
މި ކެމްޕެއިން ލޯންޗްކޮށްފައިވަނީ މީޑިއާނެޓުގެ ފަރާތުން މީރުމާ ލައުންޖުގައި ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ.
މި ހަފްލާގައިވަނީ ބޯޅަ ފިއެސްޓާގެ ދަށުން މީޑިއާނެޓު އަދި އައިސް ނެޓްވޯކް މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ ޚާއްސަ މުބާރާތްތައް ދައްކާލާފަ އެވެ.
މިހަފްލާގައި އެންމެ ފުރަތަމަ ލޯންޗުކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންމެ މަގްބޫލު ފުޓްސެލް މުބާރާތްކަމުގައިވާ ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕުގެ ކަވަރޭޖެވެ. މި މުބާރާތުގެ ކަވަރޭޖް ލޯންޗްކޮށްދިނީ ރާއްޖޭގެ އެންމެ މަގްބޫލު އެއް ފިރިހެން ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އަދި އަންހެން ފުޓްސަލް ތަރި މަރިޔަމް މިރުފަތުއެވެ. މިއީ މީޑިއާނެޓުން މި މުބާރާތް ލައިވްކޮށް ގެނެސްދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ޖުމްލަ ޖުލައި 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކްލަބް މޯލްޑިވްސްގެ 4 މުބާރާތްކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކަޕު ކްލެސިކް، 30/18 ވިމެންސް ފުޓްސެލް ފިއެސްޓާ އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ހުރިހާ މެޗެއް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މުޅި ރާއްޖެއަށް މީޑިއާނެޓުން ފެންނާނެއެވެ. މި މުބާރާތުގެ ކަވަރޭޖް ލޯންޗުކުރުމަށްފަހު ވާހަކަ ދައްކަވަމުން ކްލަބް މޯލްޑިވްސްގެ ނައިބު ރައީސް އިބްރާހިމް އަޝްރަފް ވިދާޅުވީ ކްލަބް މޯލްޑިވްސްގެ 18 އަހަރުގެ ތާރީޚުގައި މިއަދަކީ ފާހަގަކޮށްލެވޭ އުފާވެރިދުވަހެއްކަމުގައެވެ. މީޑިއާނެޓު އަދި އައިސް ޓީވީ ފަދަ ބޮޑު ޕްލެޓްފޯމެއްގައި ކްލަބް މޯލްޑިވްސް ކަޕް މުޅި ރާއްޖެއަށް ބަލާލެވޭނެ ފުރުސަތު ފަހިވެގެންދިއުމީ އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމުގައި އަޝްރަފް ފާހަގަކުރިއެވެ.
މި ޙަފްލާގައި ދެން ލޯންޗްކޮށްފައިވަނީ 20 ޖުލައި އިން 20 އޮގަސްޓް އަށް އޮސްޓްރޭލިއާ އަދި ނިއުޒިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެން ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް ފީފާ ވިމެންސް ވޯރލްޑް ކަޕްގެ ކަވަރޭޖެވެ. ޖުމްލަ 32 ޓީމު ދުނިޔޭގެ ތައްޓަށް ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއް އައިސް ނެޓްވޯކު މެދުވެރިކޮށް މީޑިއާނެޓު ކަސްޓަމަރުންނަށް ފެންނާނެއެވެ. މި މުބާރާތުގެ ކަވަރޭޖް ލޯންޗްކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ކަމުގައިވާ ހައްވާ ހަނީފާ އަދި ޝަހުދާ ތައުފީގުއެވެ.
މި މުބާރާތުގެ ކަވަރޭޖް ލޯންޗުކުރުމަށްފަހު ގައުމީ އަންހެން ޓީމުގެ ކެޕްޓަން އައިމިނަތް ލީޒާ ވިދާޅުވީ މި މުބާރާތް ފަސޭހަކަމާއެކު ދިވެހިންނަށް ފެންނާނެ އިންތިޒާމު ހަމަޖެހުމަކީ ދިވެހިރާއްޖޭގައި އަންހެން ކުދިންގެ މެދުގައި ފުޓުބޯޅައަށް އޮތް ފޯރި އަދި ޝައުގުވެރިކަން އިތުރުކުރުމަށް އެޅިގެންދާނެ ފިޔަވަޅެއްކަމުގައެވެ. މިންތީގެ ތަފާތުކުރުމެއްނެތި އަމިއްލައަށް އިސްނަގައިގެން މީޑިއާނެޓުން ފީފާ ވިމެންސް ވޯރލްޑްކަޕް ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖައްސައިދިނީތީ ލީޒާ ވަނީ މީޑިއާނެޓަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުން ފަށައިގެން ޕްރީ ޝޯވްވެސް މި ކަވަރޭޖްގެ ތެރެއިން ކުރިއަށްދާނެކަމަށް މީޑިއާނެޓުން ފާހަގަކުރެއެވެ.
މި ޙަފްލާގެ އެންމެ ފަހު އިވެންޓެއްގޮތުގައި ލޯންޗްކޮށްފައިވަނީ ދުނިޔޭގެ އެންމެ މަގްބޫލު 04 ލީގު ކަމުގައިވާ އިންގްލިޝް ޕްރިމިއަރ ލީގު، ސްޕެނިޝް ލަލީގާ، އިޓާލިއަން ސެރިއާ އަދި ފްރާންސްގެ ލީގު 1 ގެ ކުރިއަށް އޮތް ސީޒަނުގެ ކަވަރޭޖެވެ. 24/23 ސީޒަން އަންނަ އޮގަސްޓް މަހު ފަށާއިރު މި ސީޒަންގައި ލީގުތަކުގައި ކުޅޭ ހުރިހާ މެޗެއް އައިސް ނެޓްވޯކް އަދި މީޑިއާނެޓުގެ ޗެނަލްތަކުން ފެންނާނެ ކަމަށް މި ޙަފްލާގައިވަނީ އިއުލާނުކޮށްފައެވެ.
24/23 ލީގުތަކުގެ ކަވަރޭޖް ލޯންޗްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މީޑިއާނެޓުގެ ފަރާތުން ވާހަކަދައްކަވަމުން މީޑިއާނެޓުގެ ބޯރޑް އޮފް ޑައިރެކްޓަރޒްގެ މެމްބަރު އަޙްމަދު ނާޝިދު ވިދާޅުވީ މީޑިއާނެޓުން އަބަދުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ ފޯރިގަދަ މުބާރާތްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި ދެމިތިބޭނެކަމަށެވެ. އަދި ދިވެހިރާއްޖޭގައި ބާއްވާ ކުޅިވަރުގެ އެކިއެކި މުބާރާތްތައް އައިސް ނެޓްވޯކް މެދުވެރިކޮށް މީޑިއާނެޓުން ގެނެސްދިނުމަށް ޚާއްސަ އިސްކަމެއްދޭނެކަމަށް ފާހަގަކުރިއެވެ.
މުޅި އޭޝިޔާ ބައްރުގައިވެސް ހުރިހާ ލީގެއް އެއްނެޓްވޯރކަކުން ގެނެސްދޭ ހަމައެކަނި ނެޓްވޯކަކީ އައިސް ނެޓްވޯރކްކަން ފާހަގަކުރަމުން ނާޝިދުވަނީ ކުޅިވަރު މުބާރާތްތައް އެންމެ ފުރިހަމައަށް އެންމެ ކުލަގަދަކޮށް ގެނެސްދިނުމަށް މީޑިއާނެޓުން ގެނައި އިންގިލާބީ ބަދަލްތަކަށް އަލި އަޅުވާލާފައެވެ.
ޙަފްލާ ނިންމުމުގެ ގޮތުން އައިސް ނެޓްވޯކުންވަނީ މި މުބާރާތްތަކުގެ ކަވަރޭޖް ސްޕޮންސަރުންގެ ގޮތުގައި ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަން ހާމަކޮށްފައެވެ.