މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް ޚާއްސަކޮށް "ޕޯރިންގ އާޓް ވޯކްޝޮޕް" އިއްޔެ މާފުށީ ޖަލުގައި ފަށައިފިއެވެ.
އެމްސީއެސްއިން ބުނީ، ދިވެހި އާޓިސްޓުން ތަރައްޤީކުރުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވާ މިއުސް އާ ގުޅިގެން ފެށި މި ވޯކްޝޮޕަކީ 6 ދުވަހަށް ކުރިއަށްގެންދާ ވޯކްޝޮޕެއްކަމަށެވެ. މިއުސް އިން ޤައިދީންނަށް މި ވޯކްޝޮޕް ހިންގައިދެނީ ހިލޭ ސާބަހަށް ކަމަށްވެސް އެއިދާރާއިން ބުނެއެވެ.
ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގެ މަޤްޞަދަކީ ޤައިދީންނަށް ޖަލުގައި ދަސްކޮށްދޭ އެކި ހުނަރުތަކުގެ އެހީގައި، ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ގައިދީން ހެދުމެވެ.
ޤައިދީންގެ ތެރޭގައި ކުރެހުމަށް ޝައުޤުވެރިވާ ގިނަ ފަރާތްތައް ތިބިއިރު، މި މަހުގެ 1 ގައި ބޭއްވި 'އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ' ގައި ޤައިދީންގެ ގިނަ ކުރަހުންތައް އާންމުންނަށް ދައްކާލައި، އަދި ވިކިފައިވާކަމަށްވެސް އެމްސީއެސްއިން ބުނެއެވެ.