ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ފަނޑިޔާރުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް މިއަދު އައްޔަންކުރެއްވީ އަލްއުސްތާޒު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އަލްއުސްތާޒު އާއިޝަތު ނުޒުހާއެވެ. އަދި ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އައްޔަނުކުރެއްވީ އަލްއުސްތާޛާ އައިޝަތު ޝިހާބް އެވެ.
މީގެތެރެއިން ހައިކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލްކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ.
ކްރިމިނަލް ކޯޓަށް އައްޔަނުކުރެއްވި ފަނޑިޔާރު ނުޒުހާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބެޗްލާސް އޮފް ޝަރިއާ އެންޑް ލޯ (ވިތު އޮނާސް) އަދި މާސްޓާ އޮފް ލޯ ހާސިލް ކުރައްވާފައެވެ.
ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އައްޔަނުކުރި އަލްއުސްތާޛާ އައިޝަތު ޝިހާބް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވައިފައެވެ.