މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތިން މުވައްޒަފަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފިއެވެ.
ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ ބައްދަލުކުރައްވާ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިން ކަމުގެ ލިޔުން ހަވާލު ކުރައްވާފައެވެ.
ހައްޖު ދަތުރު ލިބުނު ތިން މުވައްޒަފުންނަކީ ސީނިއާ ފައިނޭންސް އެގްޒެކެޓިވް މުހައްމަދު އަގުލީމާއި ސީނިއާ އެގްޒެކެޓިވް އައިޝަތު ސުނީޒާގެ އިތުރުން ޖެނެރަލް މެނޭޖަރު އިބްރާހީމް ވަހީދެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިން ތިން މުވައްޒަފުންނަކީ ވެސް އެކުންފުންޏަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ތިން މުވައްޒަފުންކަން ފާހަގަކުރައްވައިފައެވެ. އަދި ހައްޖާއި އުމްރާ އަށް އެކުންފުނީގެ މުވައްޒަފުން ފޮނުވުމަކީ އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އަމާޒަކީ އަންނަ އަހަރު ފަސް މުވައްޒަފަކަށް ހައްޖު ދަތުރު ދިނުން ކަމަށެވެ.
އެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ވެސް އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހުށަހެޅި ތިން މުވައްޒަފުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.