ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ކުރިއަށް ނުގެންދެވޭވަރަށް މިއަހަރު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މި ސަރުކާރުން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށާއި އެގޮތުން އެހެން ސަރުކާރުތަކުން މީގެ ކުރިން ކުރިއަށް ނުގެންދާހާ ގިނަ ޕްރޮގްރާމްތައް މިސަރުކާރުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން އެކިއެކި ދާއިރާތަކަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މީހުން ބިނާކުރުމުގެ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ޚާއްސަކޮށް ދީނީ ޕްރޮގްރާމްތަކަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަން ފާހަގަކުރައްވާ އެކަމަށްޓަކައި އެމަނިކުފާނުވަނީ ދީނީ ޢިލްމުވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ.މިއަހަރު ކުރިއަށް ގެންދެވުނު ދީނީ ގިނަ ޕްރޮގްރާމްތަކަށް ބައްލަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ދީނީ ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ސްކޫލުދަރިވަރުންނަށާއި ޢާންމުނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމެއްކަމަށެވެ.

މި ސަރުކާރަކީ ކޮންމެ ކަމެއްގައިވެސް މަޝްވަރާއާއި ލަފާ ހޯދައިގެން ޤައުމު ބިނާކުރުމުގެ މަސައްކަތްކުރާ ސަރުކާރެއްކަން ފާހަގަކުރައްވާ މި މަސައްކަތުގައިވެސް ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމުވަނީ ކުރިއަށް އޮތް ޖީލުތަކަށްވެސް މިފަދައިން ޢިލްމު ފޯރުކޮށްދިނުމުގައި ޢިލްމުވެރިން ދެމި ތިއްބެވުމަށް އެދިވަޑައިގެން އެ ޖީލުތަކަކީ ހެޔޮ، އަޚްލާޤު ރަނގަޅު ޖީލުތަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި އެކަމުގައިވެސް ޢިލްމުވެރިންގެ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *