ފައިގަ ރިހުމަކީ އަހަރެމެންގެ އާއްމު ދިރިއުޅުމަށް ބޮޑެތި ބުރޫތަކެއް އަރާ ކަމެކެވެ. އެއީ އުސް ފައިވާނަށް އެރުމުން ރިއްސާ ރިހުމަކަށް ވިޔަސް ނުވަތަ ގިނަ އިރުތަކެއް ވަންދެން ކޮޅަށް ހުންނަން ޖެހުމުން ރިއްސާ ރިހުމަކަށްވެސް ވެދާނެއެވެ. ގޭގައި އެ ރިހުމަށް ފަރުވާއެއް ހޯދަން ބޭނުންވާނަމަ މި ބަޔާންކޮށްލާ ކަސްރަތުތަކުގެ އަޖުމަ ބަލައިލާށެވެ.
ފައިގެ އިނގިލިތަކަށް ދަމާލުން
ފައިގަ މާ ގަދަޔަށް ރިއްސާނަމަ، ރަނގަޅަށް ފައިގެ އިނގިލިތަކަށް ދަމައިލާށެވެ. އެގޮތުން މަޝްހޫރު އޮތޯޕެޑިކް ސާޖަނެއް ކަމަށްވާ ޑރ ޕަރާގު ސަންޗެޓީ ބުނީ، ފައިގެ އިނގިލިތައް ރަނގަޅަށް ދަމައިލާ ކަސްރަތު ކުރުމަކީ ފައިގެ ރިހުން ލުއިވެ ސްޓްރެސް ފިލާ ކަމެއް ކަމަށެވެ. އެންމެ ފުރަތަމަ ރީތިކޮށް ކުނަލެއް ކަހަލަ އެއްޗެއްގައި އިށީނުމަށްފަހު، ރަނގަޅަށް އެއް ފައި ދަމައިލާށެވެ. އެއަށްފަހު އަތުން ދަމާލާފައިވާ ފައިގެ އިނގިލިތަކަށް ދަމާލާށެވެ. އިނގިލިތަކަށް ދަމާލައިގެން 15 ނުވަތަ 30 ސިކުންތު ވަންދެން އިނދެލާށެވެ. މިގޮތަށް ދެފައިވެސް ކަސްރަތު ކޮށްލާށެވެ.
އިނގިލިތަކުން މާބުލް ނެގުން
ފައިގެ އިނގިލިތަކުން މާބުލް ނުވަތަ ފަސްއޮށް ނެގުމަކީވެސް ފައިގަ ރިއްސާނަމަ ކުރެވިދާނެ ތަފާތު ކަސްރަތެކެވެ. މި ކަސްރަތުކުރުމުން ފައިގެ އިނގިލިތަކުގެ ބާރު ގަދަވެ ފްލެކްސިބަލްވެއެވެ. މި ކަސްރަތު ކުރުމަށް ފަސްެއޮށްތަކެއް ތިރިއަށް އަޅާލުމަށްފަހު، ހަމަޖެހިގެން ގޮނޑިއެއްގައި އިށީނދެ ފަހަރަކު ފަސްއޮށެއް ފައިގެ ދެ އިނގިލި ދޭތެރެއަށް ލުމަށްފަހު ނަގާށެވެ. މި ކަސްރަތު ކުރުމުންވެސް ފައިގެ ރިހުމަށް ލުއި ލިބެއެވެ.
ފައިގެ ހުޅު އެނބުރުން
ފައިގަ ރިއްސާނަމަ ކުރެވިދާނެ އިތުރު ކަސްރަތަކީ ފައިގެ ހުޅު އެނބުރުމެވެ. އެގޮތުން، ހަމަޖެހިގެން ތަނެއްގައި އިށީދެގެން އިނދެގެން ނުވަތަ ކޮޅަށް ހުރެގެންވެސް މަޑުމަޑުން ފައިގެ ހުޅު އަނބުރާށެވެ. މިގޮތަށް ކަންތައްކުރުމުންވެސް ފައިގެ ރިހުމަށް ލުއި ލިބެއެވެ. މިއީ ފައިގެ ހުޅަށް އަރާ ތަދުތަކަށްވެސް ހައްލެކެވެ.
ފަޔަކީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ވަރަށް މުހިންމު ބައެކެވެ. އެހެންކަމުން މިފަދަ ލުއި ކަސްރަތުތަކުން ލުއި ނުލިބޭނަމަ ވީހާވެސް އަވަހަކަށް ސިއްހީ ތަޖުރިބާކާރެއްގެ އެހީ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.