ރިޔާސަތުގައި މި އިންނަވަނީ ކެތްމަދުވެފައި ކަމަށާއި، މައްޗަންގޮޅި މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް"
މިއަދު (7 ޖޫން 2023) ގައި ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ހެނދުނު ދަނފަޅީގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ތަމްސީލުކުރައްވާ ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެކަމަށް ކެތްމަދުވެފައި އިންނެވި ކަމަށެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ 54 މެންބަރުންގެ ސޮޔާއެކު މިއަދު ހުށަހަޅާފައެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އިއްޔެ ޕީޖީ ގުރޫޕުން ފާސްކުރެއްވުމުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ވިދާޅުވެފައިވަނީ ސޮއި ހަމަނުކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް އެމްޑީޕީ ޕީޖީ ގުރޫފުން ވަނީ އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް އިއްޔެ ސޮއި ހަމަކޮށްފައެވެ.
ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރުމަށް، އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ 56 މެންބަރުންގެ ތެރެއިން 50 މެންބަރުންގެ ސޮޔާއެކުގައެވެ. އަދި މި ޕެޓިޝަންގައި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްވެސް ވަނީ ސޮއި ކުރައްވާފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ މަޖިލީސް ކުރިޔަށް ގެންދަވާ ގޮތުންނާއި، މަޖިލީސް ތެރެއިން ސަރުކާރަށް ދަތިކޮށް އިދިކޮޅު ފަރާތްތަކާއި ގުޅިގެން އެމަނިކުފާނު މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ކުރެވޭތީ އާއި މަޖިލީހުގެ ޖަލްސާތަކަށް ސަރުކާރުން ހޫށަހަޅާފައިވާ މުހިންމު ބިލުތަކާއި މައްސަލަތައް އެޖެންޑާ ނުކުރެވި އެކަށީގެންވާ ގޮތަކަށް ޖަލްސާތައް ކުރިޔަށް ނުގެންދާތީއެވެ. އަދި މީނޫންސްވެސް މައްސަލަތައް މެންބަރުން އަންނަނީ އެކި ޖަލްސާތަކުގައި ފާހަގަ ކުރަމުންނެވެ.
ނަޝީދު މަޖިލީސް ރައީސްކަމުން ދުރުކުރުމަށް ހުށަހެޅި އިރު ނައިބު ރައީސް އީވާގެ އިތުބާރުނެތްކަމަށް ފާސްކުރުމަށްވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އީވާއަކީ ރައީސް ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުން ހަރަކާތުން އަލަށް އުފަންކުރި "ދަ ޑޮމިކްރެކްޓްސް" ތަމްސީލު ކުރައްވާ މެންބަރެކެވެ.