ގްރޭޓާމާލެ ސަރަހައްދުގެ އިމަޖެންސީ ބެކަޕް ޕަވަރޕްލާންޓްގެ މަސައްކަތް ނިމިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ހުޅުމާލޭ ބާ އިންޖީނުގޭގައި ގާއިމްކޮށްފައިވާ މި ބެކަޕް ޕަވަރޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ މި އިމަޖެންސީ ޕަވަރޕްލާންޓަކީ މިހާތަނަށް އެ ކުންފުނީގެ ތާރީހުގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އިންޖީނުތަކެއް ކޮމިޝަން ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
މި ޕަވަރޕްލާންޓަކީ، މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން، މިކުންފުނީގެ އަތޮޅުތެރޭގައި އަދި ގްރޭޓާމާލޭގެ އިންޖީނުގެތަކުގެ ތިބި، މި މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ އިމަޖެންސީ ބެކަޕް ޕަވަރޕްލާންޓް ސްޓެލްކޯގެ އެމްޑީ އާއި އިސްވެރިން ބައްލަވާލައްވަނީ - ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މި އެމަރޖެންސީ ޕަވަރޕްލާންޓާއެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.
އަދި މާލޭއާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާރހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެގާބިލުކަންވެސް އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.