އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫއެއް ހިންގުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި 10 މަޝްރޫއު ހިންގުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ފޮރިން މިނިސްޓްރީގައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި
- ހއ. ދިއްދޫ އާއި ގދ. ވާދޫ އާއި އައްޑޫ ހިތަދޫ ބޭރުމަތި ދާއިރާ އާއި ރަސްގެދަރަ ދާއިރާގައި އައުޓްޑޯ ޖިމް އެއް ޤާއިމުކުރުން
- ށ. މިލަންދޫގައި ދުވާ ޓްރެކެއް ގާއިމުކުރުން
- ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ނ. ކެނދިކުޅުދޫ އަދި ލ. ގަމަށް ސުކޫލު ބަސްހޯދުން
- ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން
- ހިންނަވަރުގައި އާ ކައުންސިލް އޮފީހެއް ބިނާކުރުން
- ގދ. ތިނަދޫ އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޔުނިޓެއް ގާއިމުކުރުން
- މާލޭގައި އާޓްސް ސެންޓަރެއް ގާއިމުކުރުން
ފޮރިން މިނިސްޓްރީން ބުނީ މި 10 ޕްރޮޖެކްޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިަޔށް ގެންދާ 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ސްކީމްގެ ދަށުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.
މި މަޝްރޫއުތައް ހިންގުމަށް ދެގައުމުން އެއްބަސްވެފައިމިވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާއި ހަވާލުކޮށްގެން ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވަފްދެއް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.