ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިން އައްޑޫއިން ފައިބައިގެން ދިޔައިރު އޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރިނަމަ، މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފެންނަން އޮތް ޙަޤީޤަތް ހިތި ކަމަށެވެ.

އައްޑޫ، ހުވަދޫ އަދި ފުވައްމުލަކަކީ، ރާއްޖޭގެ ދެކުނުކޮޅު. އިޚްލާޞްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، 65 އަހަރު ފަހުން މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ 66 އަހަރަށްވުރެ ދޮށީ އެއަރޕޯޓެއް ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ  އޭރު އައްޑޫގައި އޮތް މަދަނިއްޔަތުގެ ފައިދާ، އެންމެ އުތުރުން ތުރާކުނުގެ ބޮލިހުރާކޮޅާ ހަމަޔަށް ފޯރި ކަމަށާއި، އެހެންނަމަވެސް ކުރިއަރާފައި އޮތް އައްޑޫއިން އިނގިރޭސީން ފައިބައިގެންދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް ކަމަށެވެ.

މިތަނުގައި ހުރި އޭރުގެ އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫއިން ބޭލި، ދަގަނޑު ތާނގީތައް، ގޭސް ކަޓަރުން ކަފައި ކުދިކުރި. ހައި ވޯލްޓޭޖް ކޭބަލްތައް ނަގައި ބުރިކޮށް، ބޮނޑި ބަނދެ، ކޮނޑުޖަހައިގެން ބޭރުކުރި.

މި ސަރުކާރުން ޒަމާނީ ފެންވަރަށް އެއާޕޯޓް ތަރައްޤީކޮށް ނިންމަވާނެ ކަމަށާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އައްޑޫގެ ފަޚުރަކަށްވުމަށް އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ވަރަށް ރައީސްވެސް އެކަމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު، 10 އަހަރުން ދެގުނަ ކުރުމަށްޓަކައި މިހާރު ކުރިއަށް މިގެންދަނީ އިންޤިލާބީ މަޝްރޫޢުތަކެއް ކަމަށާއި، މިގޮތުން، 7000 ޓޫރިސްޓް އެނދު، އައްޑޫ ސިޓީއަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަން ފުޅާވުމަކީ އެއާ ގުޅޭ އެހެން ކިތަންމެ ވިޔަފާރިއަކަށް ވަޒީފާގެ ފުރުޞަތު ފުޅާވެގެންދާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން އެތަނުގައި ހިނގާ މުދަލުގެ މުޢާމަލާތު އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫޢުތައް ނުހިނގާ ފަރަކުނުޖެހޭނެ. އެފަދަ ހުރިހާ މަޝްރޫޢެއް ސަރުކާރުން މިދަނީ ހިންގަމުން. އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގަތާލެވިގެން ނޫނީ، އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ.

ވައިގެ މަގުން ރާއްޖެ ގުޅައިލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެދަނީ ކުރިއަށް ކަމަށާއި މި މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބުރިއަށް އިތުރުކުރެވޭ އެއަރޕޯޓް އަޅާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދު  ސަރުކާރުން ކުރަމުން ގެންދާ ކޮންމެ ކަމަކީ، ދެމެހެއްޓެނިވި ގޮތަށް ރާއްޖެ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށާއި، މި ރާއްޖެ، އަންނަން އޮތް ޖީލުތަކަށް އެކަށޭނަ، އުފާފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ މަސައްކަތްތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިފަހައްޓަންޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާފައި ނަމަވެސް، މިވަގުތު މި މަސައްކަތްތައް މުޅި ރާއްޖޭގައި ކުރުމުން، އޭގެ މަންފާ، އަންނަން އޮތް ޖީލުތަކަށް ފޯރާނެ. ހަމަހަމަ ޙައްޤުތަކާއި، މިންހަމަ، އުފާވެރި ދިރިއުޅުން، ކޮންމެ ދިވެހި ރައްޔިތަކަށް މާދަމާ ލިބޭނީ، މިއަދު މިކުރާ މަސައްކަތް މިގޮތަށް ކޮށްގެން.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *