ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީވުމުން އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި ބޮޑު ކަންނެލީގެ ވިޔަފާރިއަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.
ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މި އެއަރޕޯޓުން ލިބޭނެ ބޮޑެތި މަންފާތަކެއްވޭ. އެއީ، ތަރައްޤީ ކުރެވެމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި، މި އެއަރޕޯޓްގެ ކޯލްޑް ސްޓޯރޭޖާއި، ކާގޯ ފެސިލިޓީގެ ޚިދުމަތް. އެއީ، ޚަރަދުކުޑަވެ، މަގުކުރުވެ، މަސައްކަތުގެ ރަނގަޅު އަގު އަވަހަށް ލިބޭނެ ޙައްލެއް.
އަދި އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ، 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް، އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ ކަމަށާއި، އަދި އޮގަސްޓު މަހުގެ ތެރޭގައި، މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަން އެއާޕޯޓަކީ އައްޑޫގެ ފަހުރަކަށްވުމަށް އައްޑޫގެ ރައްޔިތުން ކުރާ އުންމީދު ހަޤީގަތަކަށް ހައްދަވާދެއްވާނެ ކަމަށެވެ.
މިއީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު، އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރެވޭ ބައިނަލްއަޤްވާމީ އެއަރޕޯޓެއް. މި މަޝްރޫޢަކީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢެއް. މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، އިންޑިއާ ސަރުކާރާއި، އިންޑިއާ އެގްޒިމް ބޭންކުން ދެއްވާ އެހީތެރިކަން އަޅުގަނޑު ފާހަގަކުރަން.
އިޤްތިޞާދީ ހުރިހާ ބުރު، އެކުއެކީ އެނބުރިގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ ކަމަށާއި، އައްޑޫއަށް ބަލާނަމަ، ބިން އިތުރުކޮށް، މަގުތައް ހަދައި، ފަތުރުވެރިކަމަށް އިތުރު ރަށްތައް އުފައްދައި އަދި އެއަރޕޯޓް ތަރައްޤީ ކުރުން، އެކުއެކީގައި ކުރިޔަށް ގެންދަވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ހަންކެޑޭގެ އިތުރަށް، ފަތުރުވެރިކަމަށް މުޅިން އަލަށް 5 ރަށް އިތުރުކުރެވޭނެ ކަމަށާއި މީގެ ފަސް އަހަރު ކުރިން، އައްޑޫ ސިޓީން އެދުނު ކަންކަން މިހާރު އެދަނީ ހިނގަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޖުމްލަ 7000 ޓޫރިސްޓް އެނދުގެ އަމާޒު މިތަނުގައި ހާސިލުކުރުމަށް މިހާރު އިރާދަކުރެއްވިއްޔާ ހުރަހެއް ނޯންނާނެ. ޝަންގްރިއްލާ އަދި ހަންކެޑެގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިންތައް އޮޕަރޭޝަނަށް ގެނައުމަށް އިރާދަކުރެއްވިއްޔާ މިހާރު ދައްޗެއް ދެން ނޯންނާނެ.
ރައީސް ވިދާޅުވީ ސަރަހައްދީ ނާރެހެއްގެ ގޮތުގައި އައްޑޫ ތަރައްޤީކުރުމަކީ މުޅި ރާއްޖޭގެ ތަރައްޤީ ބޭނުން ނަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެ މަގްސަދު ހާސިލުކުރުމަށް ކުރަންޖެހޭ ކަންކަމުގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.