ބަލްކް ޕްރޮކިއުމަންޓް ނިޒާމު ތެރެއިން ހެޔޮއަގު ހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީއާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލްއާއި، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސަޢީދެވެ. އެއްބަސްވުމުގައި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރީކޯ ގަވޭލިއާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއަށް ރަނގަޅު ކޮލިޓީގެ ބޭސް ޔޫއެންޑީޕީ މެދުވެރިވެ ސަޕްލައިކޮށްދޭއިރު، ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރާނީ ކޯޕެންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއުމެންޓް ސެންޓަރގެ ކޮލިޓީ އެޝުއަރެންސް ޓީމުން ކަމަށެވެވެ. އަދި ރާއްޖެ އެތެރެކުރެވޭ މި ބޭސްތަކުގެ ކޮލިޓީ ދެމެހެއްޓުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ޕްރޮޖެކްޓުގެ ސްޓިއަރިންގް ކޮމެޓީގައި ވަނީ ހިމަނާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އެގްރީމަންޓްގެ ދަށުން ބޭސް ވަގުތުން ވަގުތަށް ގެނައުމަށް ފަސޭހަވުމާއ،ި ބޭސް ލިބުމަށް ހުންނަ ދަތިތައް ހައްލުވެގެންދިއުމުގެ އިތުރުން، ސިއްހީ ނިޒާމުގައި މިހާރު ހުރި ބައެއް މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.

ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުން ތަންފީޒު ކުރަން ސަރުކާރުން ނިންމީ، އާސަންދައިން ކުރާ ޙަރަދުތައް ބޮޑުވެގެން ދިއުމާއި އެކުގައެވެ. މީގެ އެއް ސަބަބަކީ ބޭހުގެ އަގު ހިފެހެއްޓުމަށް ދަތިވުމެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މިފަދަ އެތައް މަސައްކަތެއްް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *