ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހަށް ހާޒިރުވެ އަނގަބަހުން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އެދިވަޑައިގެންފިއެވެ.
މިދިޔަ ބުދަ ދުވަހަށް އެޖެންޑާ ކުރި އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގައި ވާހަކަ ދެއްކެވުމަށް މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި ރިއްފަތު ވަނީ ލިޔުމުން ޖަވާބު ހުށަހަޅުއްވާފަ އެވެ.
ނަމަވެސް އެކަމާ މެދު މަޖިލީހުގައި ހިޔާލުތަފާތުވުން އުފެދުމުން އެކަން މަޑުޖައްސާލައްވައި މަޖިލީހުގެ ރިޔާސަތުން ނިންމެވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށެވެ.
މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ރިފްއަތު ވިދާޅުވީ ލިޔުމުން ޖަވާބުދާރީވެވަޑައިގެންނެވީ އެެ މައްސަލާގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ އެކަން އެންމެ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުންނެވެ. ނަމަވެސް އެ ހައްގު ވެސް މަޖިލީހުން ފޯރުކޮށްދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ, ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިމިގެންދިޔަ އިރުވެސް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
ރިއްފަތު ވަނީ މަޖިލީހަށް މި މައްސަލަ ދެން އެޖެންޑާ ކުރާ ދުވަހަކުން އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.