ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ދަރިވަރުންގެ ވަގުތީ ލިސްޓް މިއަދު ހަޔރ އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރައްވައިފިއެވެ.
ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް އާންމުކުރައްވާފައިވާއިރު މިފަހަރު ލޯނު ދޫކުރާއިރު ޕައިލެޓް ޓްރޭނިން އަށް ރެކޯޑް އަދަދަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
މިއަދު ރައީސުލްޖުމްހަުރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޕައިލެޓްކަން ކިޔެވުމަށް 479 ދަރިވަރަކަށް ލޯނު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީގެ ކުރިން ސުޓޫޑެންޓް ލޯނު ނަގާފައިވާ 24 ދަރިވަރަކަށް ޓޮޕްއަޕް ލޯނުގެ ގޮތުގައިވެސް މިބުރު ލިބޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމުގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާއި ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މީގެ ފައިދާ އާންމު ރައްޔިތުންނަށް އެތައް ގޮތަކުން ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިފަހަރު މިނިސްޓްރީން ލޯނަށް އެދި ހުޅުވާލީ 720 ފުރުސަތެވެ. އެހެންނަމަވެސް 1505 ދަރިވަރުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން ޝަރުތު ހަމަވާ 1225 ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އަދި މިއަހަރު މި ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު މުޅިން އަލަށް ވަނީ ހުޅުވާލާފައެވެ.