ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު އެދިވަޑައިގެންފިއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމުކޮށްގެން ބޭއްވި ކ. މާފުށީ ސްކޫލުގައި "އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023" ރަސްމީގޮތުން ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މިފެއަރ ހުޅުވައިދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޤައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.
އެގޮތުން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މި ފެއަރގެ މަޤްޞަދަކީ ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެތެރެއިން ޤައިދީންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް އާންމުންނަށް ދައްކާލުމެވެ.
މި ޖޫން މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިޔަށްގެންދާ އިންމޭޓް ކުރިއޭޓިވިޓީ ފެއަރގައި ސާޅީހަށްވުރެ ގިނަ ގައިދީން ބައިވެރިވެއެވެ. ފެއަރގައި އަތްތެރި މަސައްކަތްތެރިކަމުގެ 800 އުފެއްދުމަކާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ބައިވެރިކޮށްފައިވެއެވެ. މިފެއަރ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ.