މާލެއިން ފުރައިގެން 15 މީހުނާއެކު ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށް ދާދި ދެންމެ އަކު އެމްއެންޑީއެފުން ބުނެފިއެވެ.
ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ އެ ބޯޓުގައި ތިބި ފަޅުވެރިންނާއި ފަސިންޖަރުން ވަނީ ސީ އެމްބިއުލާންސްގައި ބ. އޭދަފުއްޓަށް ގެންގޮސްފައެވެ. މި ބޯޓު އަޑިއަށް ގޮސްފައިވަނީ އޭދަފުށީގެ އިރުމަތިން ގާތްގަނޑަކަށް އެއް މޭލު ބޭރުން ކަމަށް މައުލޫމާތު ލިބޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަޑިއަށް ދިޔަ ބޯޓަކީ ރ. މަޑުއްވަރީ ބޯޓެކެވެ. މުދާ އުފުލާ މި ބޯޓަކީ އެރަށުގެ ގިނަ ވިޔަފާރިތަކަށާއި، އާންމު ގޭބިސީތަކުން މާލެއިން ގެންނަ މުދާ ރަށަށް ގެނެސްދޭ ބޯޓުތަކުގެ ތެރެއިން އެއް ބޯޓެވެ. އަދި ބ އަތޮޅުގެ ބައެއް ރަށްރަށާއި ރ އަތޮޅުގެ އިތުރު ރަށްތަކަށްވެސް އެ ބޯޓުން މުދާ އުފުލައެވެ.
މަޑުއްވަރީ މި ބޯޓާއި ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން "ޖަޒީރާ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި އާލާ ބޯޓު އަޑިއަށް ދިޔައިރު އެރަށުގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ދެ ފަރާތެއްގެ ގާތްގަނޑަކަށް 7 ލައްކައަށްވުރެ ގިނަ މުދާ އެ ބޯޓުގައި ހުންނާނެ އެވެ. މީގެ އިތުރުން ބ އަތޮޅާއި ރ އަތޮޅުގެ ބައެއް ރަށްރަށް ގެންދާ މުދާވެސް އެ ބޯޓުގައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
ރަށުގެ ވިޔަފާރިވެރިއަކާ ހަވާލާދީ އެރަށުން މައުލޫމާތު ދިން ފަރާތުން ބުނީ އެ ވިޔަފާރިއަށް އެކަނި މާލެއިން ގެންނަ 2 ލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ އާލާ ބޯޓުގައި ހުރި ކަމަށެވެ.
ބ. އަތޮޅުން މި ބޯޓު ދިޔަވެ އަޑިއަށްގޮސްފައިވާއިރު އެ ބޯޓުން މަޑުއްވަރީ އަންހެނަކުވެސް ދަތުރު ކުރިއެވެ. އޭނާގެ އިތުރުން ދެން ދަތުރުކުރީ ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނުންތަކެއް ކަމަށް ހަބަރު ލިބެއެވެ.
އާލާ ބޯޓަކީ މީގެ ކުރިން ފަރުމަހަށް ދިޔަ ކަންނެލި ބޯޓެކެވެ. އެހެންނަމަވެސް މަޑުއްވަރީގައި މާލެއިން މުދާބަރުކޮށްގެން ރަށަށް އަންނަ ބޯޓު ފަހަރުތައް މަދުވުމާއި ގުޅިގެން އެ ބޯޓު ފަހުން ވަނީ މާލެ ދަތުރު ކުރާ ބޯޓަކަށް ބަދަލުކޮށްފައެވެ. މާލެއާއި ރަށާއި ދެމެދު މުދާ އުފުލުމަށް މިވަގުތު މަޑުއްވަރީގައި އޮންނަނީ އުސްމާނިއްޔާ ކިޔާ ބޯޓަކާއި އާލާ ބޯޓު އެކަންޏެވެ.
އެ ބޯޓު އަޑިއަށް ދިޔައިރު މާލެއިން ގަނެގެން ގެންދާ އާ ސައިކަލަކާއި، ފިހާރަތަކުން ގެންދާ ކައްކާ ގޭސްފުޅިތަކާއި ހަނޑޫ، ހަކުރު، ފުށް އަދި އެހެނިހެން ކާބޯތަކެއްޗާއި ދުވަހުން ދުވަހަށް އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ މުދާ ހުއްޓެވެ.