ބައިބަލާ އެސޯސިއޭޝަނުން ބާއްވާ އިންޓަރ އޮފީސް ބައިބަލާ މުބާރާތަށް އަރބަންކޯގެ ޓީމު ތައްޔާރުވާން ފަށައިފިއެވެ.
މި މުބާރާތަށް އާބަންކޯގެ ޓީމު މިހާރު ވަނީ ޕްރެކްޓިސްތައް ފަށާފައެވެ. އަރބަންކޯގެ ޓީމް އެކުލަވާލާފައިވަނީ މީގެ ކުރިން އެސޯސިއޭޝަނުން ބާއްވާފައިވާ ބައިބަލާ މުބާރާތްތަކުގައި ވާދަކޮށް، އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ބައިބަލާގެ ނަމުން ނަމަ މިސްޓަރ ބައިބަލާގެ ޝަރަފު ހޯދާފައިވާ ގިނަ ކުޅުންތެރިންތަކަކާ އެކުގައެވެ. އަދި ޓީމުގެ ކޯޗުކަން ކުރަނީ ބައިބަލާގައި ތަޖުރިބާކާރު އަލީ ރިޒްވާން އެވެ.
އޮފީސްތަކުގެ މެދުގައި ބާއްވާ ބައިބަލާ މުބާރާތް އެސޯސިއޭޝަނުން މިފެށޭ ޖޫން މަހުގެ 20 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާއިރު މި މުބާރާތް ބާއްވަނީ ހުޅުމާލޭގައެވެ. މިއީ ރާއްޖޭގައި އޮފީސްތަކުގެ މެދުގައި ބާއްވާ ފުރަތަމަ ބައިބަލާ މުބާރާތެވެ.
ބައިބަލާ އެސޯސިއޭޝަނުން ކޮންމެ އަހަރަކު އީދުތެރޭގައި ބާއްވާ ގައުމީ ބައިބަލާ މުބާރާތްވެސް މި އަހަރު ބާއްވާފައިވަނީ ހުޅުމާލޭގައެވެ. މި ފަހަރު ހުޅުމާލޭގައި މުބާރާތް ބޭއްވި އިރު އެއީ ހުޅުމާލޭގައި އެ މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. އެހެންކަމިން އަރބަންކޯއިން ވަނީ ހުޅުމާލޭގައި ބައިބަލާ ކުޅުމަށް އެކަށީގެންވާ ފަދަ ކޯޓެއް ގާއިމްކޮށްފައެވެ.