މާރާމާރީއަކާއި ގުޅިގެން ފުލުހުން ހައްޔަރުކުރި އިބްރާހިމް ފައިހް ނިޒާމް

މާރާމާރީއަކާއި ގުޅިގެން ހައްޔަރުކުރަން ހޯދި ފައިހް ނިޒާމް ފޮރުވައިގެން ގެންގުޅުމުގެ ކުށުގައި ލ. ގަން، ތުނޑި، ނެވަރކޯން، ޢަބްދުﷲ ޖުނައިދުއާއި،
ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުޙައްމަދު ޝަބީބްގެ މައްޗަށް ދައުވާ ކުރުމަށް  ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ 14 ޖަނަވަރީ 2023 ދުވަހުގެ 00:35 ހާއިރު އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑި ޕަބްލިކް ތެރޭގައި ބަޔަކު މާރާމާރީ ހިންގައި، އެތަނުގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައިގެ ތުހުމަތުކުރެވޭ ސ.މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު ކޯޓު އަމުރެއްގެ ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދާ ނުފެނިގެން، 15 ފެބްރުވަރީ 2023 ދުވަހު މީޑިއާ މެދުވެރިކޮށް ފުލުހުން އިއުލާންކޮށްފައިވަނިކޮށް ބަޔަކު  ފައިޙް ހައްޔަރުކުރިއަނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް ފޮނުވާފައިވަނީ 30 މޭ 2023 (މިއަދު) ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.

މި ދެމީހުންގެ މައްޗަށް ކުރާ ދައުވާ އަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 536 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުށެއް ކޮށްފައިވާ މީހަކު ހައްޔަރުކުރިއަނުދިނުމަށްޓަކައި، ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއެވެ.

14 ޖަނަވަރީ 2023 ދުވަހު ކެފޭ ޑި ޕަބްލިކްގައި ހިންގި މާރާމާރީގެ މައްސަލައިގައި 21 މާރިޗު 2023 ދުވަހު އިބްރާހީމް ފައިޙް ނިޡާމު ހައްޔަރުކޮށް، އޭނާގެ މައްޗަށް ވެސް ދަޢުވާތަކެއް ކުރުމަށް 19 އެޕްރީލް 2023 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ފައިހްގެ މައްޗަށް ކުރާ ދައުވާ ތަކަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައިގާ އަތްލުން،
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތައް ޤަޞްދުގައި ހުރަސްއެޅުމުގެ ދައުވާއެވެ.

އަދި ހަމަ އެ މާރާމާރީއާ ގުޅިގެން ހ. ދިއްގާމާގެ، ޢަލީ ފާރިޟްއާއި، މއ. އާދިއްޕަރު، މާއިން މުޙައްމަދު ޢަޒީމްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައިގައި އަތްލުމުގެ ކުށުގެ ދަޢުވާ ކުރުމަށް 30 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *