ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީން މި މަސައްކަތް ފަށާފައިވަނީ ތިނަދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައީ އެކުންފުނީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) އެވެ.
މި ރަސްމިއްޔާތުގައި މޫސާ އަލި މަނިކް ވިދާޅުވީ ކުރިއަށް އޮތް ދޮޅުމަހެއް ހާ ދުވަސް ތެރޭގައި ތިނަދޫ މަގުތަކުގައި ތާރު އަޅައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ހުނަރުވެރި ގާބިލް ޒުވާނުންތަކެއް އުފެއްދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އާރުޑީސީންވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން އާރުޑީސީން ހިންގާ ހުރިހާ މަޝްރޫއެއްގައި ވެސް އެ މަސައްކަތެއް ކުރިޔަށްދާ ސިޓީގެ ނުވަތަ ރަށުގެ ނުވަތަ ސަރަހައްދުގެ ރައްޔިތުންނަށް އިސްކަންދީގެން މީހުން ނެގުމަކީ ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކުރިޔަށް ގެންދާކަމެއް ކަމަށެވެ.
ތިނަދޫގެ މަގުހެދުމުގެ މަޝްރޫއާ ގުޅިގެން ރަށުގެ 55 ރައްޔިތަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ގޮސްފައިވާކަމަށް މޫސާ އަލި މަނިކް ވިދާޅުވިއެވެ.
ތާރުއަޅަން ފަށާފައިވަނީ ތިނަދޫ އާބާދީ ހިގުން މަގުންނެވެ.
މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ތިނަދޫގައި ބޮޑު 14 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން މި މަގުތަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފެން ބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 6.5 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ވަނީ ނިންމާފައި އެވެ.
ތިނަދޫ މަގުހެދުމުގެ މަޝްރޫއު ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 78 މިލިއަން ރުފިޔާއަށް 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އެވެ.