ރާއްޖެ ކޮވިޑުން އަރައިގަތްގޮތް އެހެން ގައުމުތަކުން ނަމޫނާ އަކަށް ބެލިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފެނަކަ އައު އިންޖީނުގެ އާއި، އިންޖީނުގޭގެ އައު އޮފީސް ޢިމާރަތް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮވިޑްގެ ވަބާގައި ފ. އަތޮޅުން އެންމެ ފުރަތަމަ ފުރަބަންދު ކުރަންޖެހުނީ ބިލެތްދޫކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮވިޑުން އަރައިގަނެވުނީ އޭރު އެޅުނު މުހިންމު ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އެގޮތުން ކޮވިޑުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހުނީ ސަރުކާރުން އެ ބުރަ އުފުލުމުން ކަމަށް ވިދާޅުވިއެވެ. އެފަދަ ދަނޑިވަޅެއްގައި ސަރުކާރުން ނަގަން ޖެހޭ ޒިންމާއެއް، ބުރައެއް ނަގާ، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ކަންތައް ކުރުމަކީ އެކަންކުރަން ޖެހޭނެ ގޮތް ކަމަށް ވިދާޅުވިއެވެ.
ކޮވިޑްގެ ދުވަސްވަރު ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔަކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި އަވައްޓެރި ލަންކާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ އޭރު ފައްޓާފައި ހުރި އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ހުއްޓާލުން ކަމަށެވެ.
އެ ދުވަސްވަރު ސީޝެލްސްގެ ރައީސް ފޯނު ކުރެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއިން ކޮވިޑް މެނޭޖްކުރިގޮތް ސީޝެލްސްއިން ސާފުކުރި ކަމަށެވެ. އަދި ކޮވިޑަށްފަހު ސީޝެލްސްގެ ރައީސާ ބައްދަލުވުމުން، އެގައުމުން ކޮވިޑް މެނޭޖް ކުރުމުގައި ބަލަމުންއައީ ރާއްޖެއިން އަމަލު ކުރި ގޮތް ކަމަށް ސީޝެލްސްގެ ރައީސް ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން އަޅާ ކޮންމެ ފިޔަވަޅެއް ބަލައި، އެ ގޮތަކަށް ކަން ކުރަމުން ދިޔަކަމަަށް އެ ގައުމުގެ ރައީސް ވިދާޅުވިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮވިޑް މެނޭޖްކުރެވުނީ ސިއްހީ މާހިރުންގެ މަޝްވަރާގެމަތިން ސިޔާސަތުތައް އެކުލަވައިލުމުގެ ސަބަބުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ސިޔާސަތުތައް އެކުލަވައިލާނީ ކަމާ ބެހޭ މާހިރުންގެ ވިސްނުމާއި ހިޔާލު ހޯދައިގެންކަމަށެވެ.