އަސާސީ ހިދުމަތް ދިނުމުގައި ވަކި ފިކުރަކަށް ނުވަތަ ވަކި ރަށަކަށް ނުބަލާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ފ. ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މާޒީގައި ރަށްރަށަށް ތަރައްގީގެ މަޝްރޫއުތައް ދިނުމުގައި ރައްޔިތުންގެ ސިޔާސީ ވިސްނުމަށް ބަލައި ތަފާތު ކުރުން ގެންގުޅެފައިވާކަން ފާހަގަކުރެއްވަމުން ރައީސް ވިދާޅުވީ، މިސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކޮށްފައިވާނީ ތަފާތު ކުރުމެއްނެތި ރަށްރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދަރަނބޫދޫއަކީ އާބާދީ ކުޑަ ރަށެއް ކަމަށާއި، އަދި ކުރީގެ ސަރުކާރުތަކުން އާބާދީ މަދު ރަށްތަކުގައި އަސާސީ ހިދުމަތަތައް ގާއިމުކޮށްދޭން ނުޖެހޭ ކަމަށް ދެކުނު ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރެއް ހޮވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ބޭނުންވާ ކަންކަން ހުރިހާ ރަށަކަށް ކޮށްދިނުމަށް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދަރަނބޫދޫ ބަނދަރު މަސައްކަތްކުރިއަށްދިޔަ އިރު ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުމަށް އަދި ރައްޔިތުން ބޭނުންވި ގޮތަށް މަސައްކަތް ކުރުމުގައި ލިބުނު އެއްބާރުލުމަށް ހުރިހާ ފަރާތްތަކަށް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.
ދަރަނބޫދޫގައި ކުރިން ބޭނުން ކުރަމުން އައީ 2007 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާއިމް ކުރި ބަނދަރެކެވެ.