އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު ޝިފާނާ އައްޔަން ކޮށްފިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ އޮފިޝަލެއްގެ ހައިސިއްޔަތުން ޝިފާނާއަށް ލިބިފައިވާ ތަޖުރިބާއިން މި މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމަށް ޔަގީންކޮށް ކާމިޔާބީއަށް އެދޭ ކަމަށެވެ.
ޝިފާނާ އަކީ އެޑްމިނިސްޓްރޭޝަން އަދި ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ތަފާތު ތަޖުރިބާތައް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޝިފާނާ އެންމެ ފުރަތަމަ މިނިސްޓްރީއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު އެވެ.
މިނިސްޓަރ ޝާހިދު ވަނީ، މި މަގާމު ގެ ޓަރމް ހަމަކުރައްވައި މިނިސްޓްރީއަށް އެނބުރި ވަޑައިގެންނެވި އެންމެ ފުރަމަތަ އަންހެން ކޮންސުލް ޖެނެރަލް، އަލްފާޟިލާ އާމިނަތު ޢަބްދުﷲ ދީދީ އަށް ޝުކުރު ދަންނަވައިފައެވެ.