ހުޅުމާލެގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" ބޭނުންކުރަން ފަށަ
އަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.
މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ.
އާބަންކޯއިން ބުނީ، މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމަށް ކަމަށެވެ.
މިގޮތުން މިފަހަރު 9 ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާއިރު، އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދެވޭނެއެވެ.
ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި 1 ލައިޓް އަދި ހިޔާ ސަރަހައްދުގައި 1 ލައިޓް މިއަދުން ފެށިގެން ބޭނުން ކުރެވިގެން ދާނެއެވެ.
މީގެއިން ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަން އަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެއިން ބުނެދޭނެއެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެއެވެ.