ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 42.38 މިލިއަން ރުފިޔާގެ މާޝްރޫޢުއެކެވެ.
2094 މީހުންގެ އާބާދީއެއް އޮތް މިރަށަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ރަށްގިރުމުގެ ސަބަބުން ކުރެންދޫ އަށް ވަނީ ވަށައިގެން އެތަކެއް ގެއްލުމެއް ލިބި، އެތައް ރުއްގަހެއްވެސް ނެތިގެން ގޮސްފައި ވެއެވެ. ރަށުގެ ހުރިހާ ފަރާތަކުންހެން ގިރަމުން ދިޔުމާއެކު، މި މައްސަލައަކީ މި ރަށު ރައްޔިތުންގެ ވަރަށް ދުވަސްވީ ކަންބޮޑުވުމަކަށް ވީ ހިނދު، ނިމިގެން ދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ކުރެންދޫގެ ވަށައިގެން ގިރަމުންދާ ހުރިހާ ސަރަހައްދެއްހެން މިވަނީ ރަށް ގިރުމުން ހިމާޔަތް ކުރެވިފައެވެ.
މި މަޝްރޫޢުގެ ދަށުން، 10,200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށް ސަރަހައްދަށް އެޅުމާއ،ި 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި އަދި 142 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.