އިމާމުންގެ މުސާރައާއި ޗުއްޓީއަށް ވަރަށް އަވަހަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް ކަމަށެވެ. އެގޮތުން އިމާމުންނަކީ އެހެން އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ޚިލާފަށް، ހަފްތާގެ 7 ދުވަހު، ޗުއްޓީއެއް ނެތި، އޯވަރޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޚިދުމަތްތެރިންތަކެއް އެއީ. އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން އަޅުގަނޑުމެން ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގެންނާނެ ވާހަކަވެސް މިރޭ ތިޔަބޭފުޅުންނަށް އަޅުގަނޑު ޙިއްޞާކުރަން."
ރައީސް ވަނީ މީގެ އަހަރުތަކެއް ކުރިން އެމަނިކުފާނުގެ ވައުދެއް ވާކަން ފާހަގަކުރައްވާ އެ ވަޢުދުވެ ވަޑައިގެންނެވީ، މުޅި މުޖުތަމަޢަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކުރައްވާ ބޭފުޅުންތަކެއްގެ އަގުވަޒަންކޮށް، މުޖުތަމަޢުގައި އެ ބޭފުޅުންގެ މަޤާމު މަތިވެރިކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެ ވަޢުދަކީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުން ކަމަށެވެ. އެ ވަޢުދު ފުއްދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން، އިސްލާމިކް ޔުނިވަރސިޓީން ފެއްޓީ 2020 ވަނަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މުހިންމު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރޭ 78 އިމާމުން އެބަ ދަސްވެނިވޭ. މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށްބޮޑު އުފަލެއް. އަދި އޭގެއިތުރުން، މިރޭ ދަސްވެނިވާ ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިޙްސާސް ކުރެވޭ."
ރައީސް ވިދާޅުވީ މިފަދަ ދާއިރާތަކުގެ ބޭފުޅުންނަށް އިތުރު ތަޢުލީމް ދިނުމުން ނުކުންނާނެ އެތައް ރަނގަޅެއް ތަޞައްވަރު ކުރެވޭ ކަމަށެވެ. ދީނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަދި އަޚްލާޤީ ގޮތުން ވެސް، ކިތަންމެ އިޞްލާޙީ ބަދަލުތަކެއް މި މުޖުތަމަޢަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.