ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ބޮލުގަ އަޅުއްވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ނިމިގެން މިދިޔަ ހަފްތާގެ ތެރޭގައި ވާދަވެރި ފަރާތްތަކުން ރައީސްގެ ބޮލުގައި ދޮގު ބަދުނާމު އަޅުވާ، ހަދާފައިވާ ދޮގުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ލިބިދޭ އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައިގެން ދައްކަވަމުންދާ ވާހަކައެއް ކަމަށެވެ.
މިއުވާން ވިދާޅުވީ ރައީސް ސޯލިހާއި ގުޅުވައިގެން ހަގީގަތާއި ހިލާފު ވާހަކަދައްކަނީ އަސްލު މައްސަލައިގެ ސީރިއަސްކަން ގެއްލުވާލުމަށް ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ ބަޔަކަށް ގެއްލިފައިވާ ތާއިދު އަނބުރާ ހޯދުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.
ރުޅިވެރިކަމާއި ބައިބައިވުން އުފެދޭ އެފަދަ ނުރައްކާތެރި ދޮގުވާހަކަތައް ދައްކާނަމަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން އެ މައްސަލައެއް ބައްލަވާނެ ކަމުގައިވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރު ހަސަން ލަތީފް ވިދާޅުވީ ދެ ފަހަރެއްގެ މަތިން ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ މައުލޫމާތު ސަރުކާރަށް ލިބުނު ކަމަށާއި އެހެންނަމަވެސް އެކަމުގައި އަޅާނުލުމުގެ ނަތީޖާއަކަށްވީ ބޮމެއް ގޮއްވާލުންކަމަށެވެ.