ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެ ބަދަލު އައިސް އެކަމުގެ ފައިދާ ސިފައިންނަށް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

އެޖޫޓަންޓް ޖެނެރަލް ކޯރއަކީ ސިފައިންގެ ތެރެއަށް އެންމެ ފަހުން ތަޢާރުފްކުރެއްވި ޚިދުމަތެވެ. މި ކޯރގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އަސްކަރީ އަދަބު އަޚްލާޤު ހިފެހެއްޓެވުމާއި ދެމެހެއްޓެވުމާއި، އިދާރީ ހިންގުމުގެ ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓެވުމާއި އަސްކަރީ ޢަދުލުގެ ނިޒާމު ރާވައި ހިންގަވައި ތަންފީޒުކުރެއްވުމާއި، 1892 ގައި ދިވެހިރާއްޖޭގައި ސިފައިން އުފެއްދި ދުވަހުން ފެށިގެން ސިފައިންގެ އެންމެ އަސާސީ އެއް މަސައްކަތް ކަމުގައިވާ ހެވިކަމާއި އަސްކަރީ ސަޤާފަތު ދެމެެހެއްޓެވުން ފަދަ ކަންކަން ހިމެނެއެވެ.

ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޢިއްޒަތްތެރިންނަށް ރަސްމީކޮށް ދިވެހި ދައުލަތުން ކިޔާ މަރުޙަބާގައި އެކުލެވޭ ސެރެމޯނިއަލް ޙަރަކާތްތަކުގައި، ދިވެހި ސަޤާފަތް ދައްކުވައިދީ، ދިވެހިންގެ އަމިއްލަވަންތަކަން ދުނިޔެއަށް ދައްކުވައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރަނީ އޭ.ޖީ ކޯރގެ ސިފައިންނެވެ.

އޭ.ޖީ ކޯރގެ 3ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ސިފައިންނާއި ގުޅުންހުރި އެންމެ މުހިއްމު އަދި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެވަޑައިގަތީ ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށްދެއްވައި ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަހަށް ގެނެސްދެއްވުން ކަމަށެވެ.

އެގޮތުން ހައުސިން އެލަވެންސް ދެއްވުމުގެ އުޞޫލާއި، ސިފައިންނަށް ބޮޑެތި ޞިއްޙީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދެއްވުމުގެ އުޞޫލަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެވިފައިވާ ކަމަށާއި، މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް ޙައްލުކޮށްދެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ، ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި މިޔަށްވުރެންވެސް ފުން، އަދި މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވުން. ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ބަދަލު އައިސް އެކަމުގެ ފައިދާ ސިފައިންނަށް ލިބިގެންދާނެ. އެމަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށް އެބަދޭ."

މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދިފާޢީ ގުޅުންތައް މުރާޖަޢާކުރައްވައި، ކުރެވުނު މަސައްކަތުގެ ތެރެއިން ކުރިން ނުކުރެވި ހުރި ކިތަންމެ ކަމެއް ފަހިވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެއްވެސް ދާއިރާއެއް އިސްތިސްނާ ކުރެއްވުމެއް ނެތި ދިފާޢީ ބާރު ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުން ފެންނަމުން އަންނަކަމަށް މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *