ދިވެހިރާއްޖޭގައި އޮސްޓްރޭލިއާ ހައި ކޮމިޝަނުގެ އޮފީހެއް ހުޅުވައިފިއެވެ.

މިކަން އިޢުލާނު ކުރައްވާފައިވަނީ އޮސްޓްރޭލިއާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައެވެ.

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނުގެ އޮފީހެއް ހުޅުވާފައިވަނީ ހޮޓެލް ޖެންގެ ފަސްވަނަ ފަންގިފިލާގައެވެ. މި އޮފީހުން ރާއްޖޭގައި އުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އޮސްޓްރޭލިއާ ރައްޔިތުންނަށް ކޮންސިއުލާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ޤާނޫނީ ލިޔެކިއުންތަކާ ގުޅޭ ޚިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއޮފީސް ރާއްޖޭގައި ހުޅުވި ނަމަވެސް، ޕާސްޕޯޓާ ގުޅޭ ޚިދުމަތްތައް މިވަގުތަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނާ ގުޅިގެން ކަމަށް އެއޮފީހުގެ ވެބްސައިޓުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނުގެ އޮފީހެއް ހުޅުވުމާ ގުޅިގެން މަރުޙަބާ ދަންނަވައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ މިއޮފީސް ހުޅުވުމާއެކު ދެޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެ ކުރިއަރައިގެންދާނެ ކަން ޔަޤީންކުރައްވާކަމަށް ވިދާޅުވެފައެވެ.

އޮސްޓްރޭލިއާއިން ރާއްޖޭގައި ހައި ކޮމިޝަނެއް ހުޅުވަން ޤަސްދުކޮށްފައިވާކަން އެންމެ ފުރަތަމަ އިޢުލާނު ކުރައްވާފައިވަނީ އެޤައުމުގެ ޚާރިޖީ ވަޒީރު، ދަ އޮނަރަބަލް މަރީސް ޕެއިން 2022ވަނަ އަހަރުގެ ފެބްރުއަރީ 11ގައި ނެރުއްވި ނޫސް ބަޔާނެއްގައެވެ. އޮސްޓްރޭލިއާއިން ރާއްޖޭގައި ހައި ކޮމިޝަނެއް ހުޅުވުމަށް ނިންމަވާފައިވަނީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ދޭދޭ ގުޅުންތަކާއި ވިޔަފާރިއާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުން ދެމުންގެންދާ އެއްބާރުލުން އިތުރުކުރުމަށް ކަމަށް އޮސްޓްރޭލިއާގެ ޚާރިޖީ ވުޒާރާގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މި ހައި ކޮމިޝަން ހުޅުވުމާއެކު، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ޞުލްޙައާއި އަމަންއަމާންކަން ބެލެހެއްޓުމަށް އޮސްޓްރޭލިއާއިން ރާއްޖެއާއެކު ކުރަމުންދާ މަސައްކަތްތަކަށް ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.

އޮސްޓްރޭލިއާއިން ރާއްޖޭގައި އެޤައުމުގެ ހައި ކޮމިޝަނުގެ އޮފީހެއް ހުޅުވާފައިވާއިރު އޮސްޓްރޭލިއާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ދާ ޤައުމެއްގެ އިތުރުން، އެކި ދާއިރާތަކުން، ޚާއްސަގޮތެއްގައި ސަލާމަތީ ދާއިރާއިން ރާއްޖެއަށް ފަންނީ އެހީ ފޯރުކޮށްދެމުންދާ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. އޮސްޓްރޭލިއާގެ ހައި ކޮމިޝަނުގެ އޮފީހާއެކު، ރާއްޖޭގައި ހުރި ރެޒިޑެންޓް ޑިޕްލޮމެޓިކް މިޝަންތަކުގެ ޢަދަދު 8އަށް އިތުރުވީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *