އިސްރާއީލުން ޣައްޒާގައި ޤަވައިދާ ޚިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖޭގެ އިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯ.އައި.ސީ.ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އެ ޖަމުޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުންނެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި އެ އަމަލުތަކަކީ އ.ދ.ގެ ސަލާމަތީ މަޖިލީހާއި ޢާއްމު މަޖިލީހުގެ ޤަރާރުތަކާ ޚިލާފު އަމަލުތަކެއްކަން ބަޔާންކޮށް، އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. ހަމައެއާއެކު އިސްރާއީލުން ޣައްޒާގައި ޤަވައިދާ ޚިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށްވެސް ގޮވާލެއްވިއެވެ.

އަދި، އެ މަނިކުފާނުގެ ތަޤްރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެހެން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *