ޝާހިދު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު " ބްލަޑީ ޑެޑީ"ގެ ޓްރެއިލަރ ދައްކާލައިފިއެވެ.
ޖޫން މަހުގެ 9 ވަނަ ދުވަހު ޖިއޯ ސިނަމާގައި އަޅުވަން ހަމަޖެހިފައިވާ އެ ފިލްމަކީ ޝާހިދު އަދި މަޝްހޫރު ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު އެކުގައި މަސައްކަތްކޮށްފައިވާ އެކްޝަން ތްރިލާ އެކެވެ. މި ފިލްމުގެ މުހިންމު ރޯލުންތަކުން ބަތަލާ ޑިއާނާ ޕެންޓީ، ސަންޖޭ ކަޕޫރު، ރޮނިތު ރޯއީ އަދި ރާޖީވް ހަންޑެލްވަލް ފެނިގެންދާނެއެވެ.
ބްލަޑީ ޑެޑީގެ ޓްރެއިލަރ ދައްކާލާފައިވަނީ އިއްޔެ އެކަމަށް ހާއްސަކޮށްގެން މުމްބާއީގައި ބޭއްވި ހަފްލާއެއްގައިއެވެ. އެ ހަފްލާގައި ފިލްމުގެ ޑައިރެކްޓަރ އަލި އައްބާސް ޒަފަރު އަދި ލީޑިން އެކްޓަރ ޝާހިދު ވަނީ ބައިވެރިވެފައެވެ. މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ބްލަޑީ ޑެޑީ ވެގެންދާނީ އިންޑިއާގެ ފިލްމީ ތާރީހުގައިވެސް ޑިޖިޓަލްކޮށް ރިލީޒް ކުރާ އެންމެ ބޮޑު އެއް ފިލްމަށެވެ.
އެ ފިލްމުގެ ވާހަކަގަނޑު މައިގަނޑު ގޮތެއްގައި ބިނާ ކޮށްފައިވަނީ މަސްތުވާތަކެއްޗަށެވެ. ފިލްމުގައި އެކި ކަހަލަ ކުށްތަކުގެ ވާހަކަ ހިމަނާފައިވެއެވެ.