ރ.އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާ ފެން ތަހުލީލުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން އާރުއޯ އިމާރާތް އަޅާ ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާފައިވާ ކަމަށެވެ. އަދި އެއިިން އުފައްދާ ފެން ރައްކާކުރުމަށް 290 ކިއުބިކް މީޓަރުގެ 2 ތާންގީއާއި ވާރޭފެން ރައްކާކުރުމަށް 1010 ކިއުބިކް މީޓަރުގެ ތާނގީއެއްވެސް ބަހައްޓަފައިވާ ކަމަށެވެ.
މީގެއިތުރުން މި މަޝްރޫޢުގެ ދަށުން އެރަށުގައި 8.33 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އަޅާ، ސަރުކާރު މުއައްސަސާތަކާއި ގެތައް ހިމެނޭގޮތަށް 215 ކަނެކްޝަން ގުޅައިދީފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިއީ އެމްޑަބްލިއުއެސްސީން 50.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.