ރާއްޖެ އާއި މެލޭޝިއާއިން ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މެލޭޝިޔާގެ ޕާލަމެންޓް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއެވެ. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ ފިނޭންސް މިނިސްޓަރު އަހްމަދު މަސްލާންއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ މަގުސަދަކީ، ޑަބަލް ޓެކްސް ނެގުމުގެ ނުރައްކާ ނައްތާލުމާއި، ކޮންމެ ދައުލަތެއްގެ ޓެކްސް ނެގުމުގެ ޙައްޤުތައް ސާފުކޮށްދިނުމެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު އޮންނަ އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޗެއާޕާސަން އަޙްމަދު ސަރުވަޝް އާދަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.