ފ. ބިލެތްދޫ އާއި ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ސަރުކާރުން ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.
މި ދެ މަޝްރޫޢުގެ ތެރެއިން ބިލެތްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީއިން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 72.3 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫޢުގެ ދަށުން އެރަށު ބަނދަރުގައި 133 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 224 މީޓަރުގެ ބޮޑުހިލައިގެ ރިވެންޓްމަންޓެއް ޖެހުމާއި، 440 މީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓް ރިޕްރޮފައިލްކުރުން ހިމެނެއެވެ. އަދި 21 މީޓަރުގެ ނެރުފައިކަށި ރިޕްރޮފައިލްކުރުމާއި، 84 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށިލުމާއި، 95 މީޓަރުފުޅާ ދޯނިއެހެލާ ސަރަޙައްދާއިއެކު 225 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.
މީގެ އިތުރުން އަލަށް އިތުރުކުރެވޭ ބަނދަރުގެ އެއްގަމު ފަޅީގައި 250 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 5 މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ސަރަޙައްދާއި ނެރު ސަރަޙައްދު ފުންކޮށް، ނެރު ބައްތި އަދި ހާބަރު ލައިޓް ޖެހުމާއި، އިރުއިތުރު ފަރާތުގައި 44 މީޓަރުގެ ބޮޑުހިލައިގެ 7 ބޭރުތޮށި ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ.
ފ. ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 66.6 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫޢުގެ ދަށުން ރަށުގެ އިރު އުތުރު ފަރާތުގައި 130 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކަށި ޖެހުމާއި، 131 މީޓަރުގެ ބޮޑު ހިލައިގެ ރިވެންޓްމަންޓް ޖެހުމާއި، 194 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ. އަދި 30 މީޓަރު ދިގުމިނުގެ ޓީޖެޓީއެއް ހެދުމާއި، 237 މީޓަރުގެ ކޮންކްރީޓް ކީވޯލަކާއި، 100 މީޓަރުގެ ކޮންކްރީޓް ޖެޓީއަކާއި، ކޮންކްރީޓް ރޭމްޕަކާއި، ގޮނޑުދޮށް ޚިމާޔަތްކުރުމަށް 75 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން 5 މީޓަރުގެ ފުޅާ ޕޭވްމަންޓާއިއެކު ބަނދަރު ބައްތި އަދި އެކްސެލް ޕްލެޓްފޯމެއްވެސް މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.