ސިޔާސީ ޕާޓީތަކުގެ ޤަވާއިދުގައި ލާޒިމުކުރާ މިންވަރަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގައި މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލަން ނިންމައިފިއެވެ.
އެމްއާރްއެމްގައި މެންބަރުން ހަމަނުވާތީ އެ ޕާޓީއަށް ވަނީ ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވާފައެވެ.
އިލެކްޝަން ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމާފައިވަނީ ދެވަނަ ނޯޓީސް އަށް ފަހުވެސް ޕާޓީގެ މެންބަރުންގެ އަދަދު 3000 އަށްވެސް އިތުރުކުރެވިފައިނުވާތިއެވެ.
މެންބަރުން ހަމަކުރުމަށް އެމްއާރްއެމަށް އިލެކްޝަންސް ކޮމިޝަނުން 2 ވަނަ ފަހަރަށް ނޯޓިސް ފޮނުވާފައިވަނީ 22 ފެބުރުއަރީ 2023 ގައެވެ. ދާދިފަހުން ސަރުކާރުގައި އެމްއާރްއެމްގެ ސްލޮޓްތަކުގައި ތިއްބެވި ގިނަ މެންބަރުންތަކެއް ވަނީ އެ ޕާޓީން ވަކިވެފައެވެ.
އެމްއާރްއެމްއިން ސަރުކާރު ކޯލިޝަންގައި އޮވެ ސަރުކާރަށް ޖެއްސުން ކުރާ ކަމަށް ބުނެ އެ ޕާޓީގެ އިސް ސަފުގައި ހިމެނޭ މެންބަރުންތަކެއް ޕާޓީން ވަކިވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމަނިކުފާނަށް ތާއީދުކުރައްވާކަން ހާމަކުރުމަށް ފަހުއެވެ.