ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށްގެންދިޔަ ޖަލްސާ ހޫނުވެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ ނަން އިއްވައިފި އެވެ.
މަޖިލީހުގެ ދެވަނަ ދަންފަޅި ފެށި އިރު ރިޔަސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ޖަލްސާ ހޫނިވީ އަފީފު ރިޔާސަތުގައި އިންނެވުމުންނެވެ.
އެ މެންބަރު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަމަށް ވިދާޅު ސަރުކާރަށް ތާއީދު ކުރާ މެންބަރުން ގެންދެވީ ނުރުހުން ފާޅުކުރައްވަމުންނެވެ. އަދި ރައީސް ނަޝީދާމެދު ނުރުހުން ފާޅު ކުރައްވާފައިވެސްވެއެވެ.
ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ މަޖިލީސް ހަމައަކަށް މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް މަޖިލީހުގައި އަޑުކުރައްވާ މެންބަރުން އެކަން ހުއްޓާނުލުމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހުގެ ނަން އިންވާ ތަޅުމުން ނިކުންނެވުމަށް އެންގެވިއެވެ.
އެހެންނަމަވެސް ފަހާލު ޖަލްސާ ދޫކުރައްވާ ވަޑައިނުގެންނެވުމުން ކުޑަ ވަގުތު ކޮޅަކަށް ޖަލްސާ މެދު ކަނޑާލިއެވެ. އަލުން ޖަލްސާ ފެށުމުންވެސް ފަލާހް ޖަލްސާގައި އިންނެވުމުން ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ މިއަދުގެ ޖަލްސާ އިތުރަށް ކުރިޔަށް ނުގެންދަވާ ނިންމަވާލައްވާކަން އިއުލާނު ކުރައްވާފައެވެ.
މިއަދު ހެނދުނު ޖަލްސާ ފެށި އިރު ރިޔާސަތުގައި އިންނެވީ މަޖިލީސް ރައީސް މުހައްމަދު ނަޝީދެވެ. ހެނދުނުގެ ދަންފަޅީގައިވެސް މަޖިލީހުގައި ހިތްހަމަނުޖެހުންތައް ހުރިކަން މެންބަރުންގެ ފަރާތުން ފާހަގަވިއެވެ. އެގޮތުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ސަރުކާރަށް ދަތި ކުރައްވާ ކަމުގެ ތުހުމަތު ކުރައްވާ ބައެއް މެންބަރުން މިނިސްޓަރާއި މެދު ހިތްހަމަ ނުޖެހުންވެސް ފާޅުކުރިއެވެ.