މި ވަގުތު ހުރި ގައުމު ސަރުކާރަށް އިނގޭނެ ކަމަށާއި، ރާއްޖެއިން ބޭރަށް ފުރިއިރު ރާއްޖޭގެ އެއްވެސް ކޯޓެއްގައި އޭނާއާއި ދެކޮޅަށް މައްސަލައެއް ނެތް ކަމަށް ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ އައްބާސް އާދިލް ރިޒާ ބުނެފިއެވެ.
އައްބާސް ބުނީ އޭނާ ރާއްޖެއިން ބޭރަށް ދަތުރުކުރި އެއާލައިން އާއި ޓިކެޓާއި އޭނާ މިވަގުތު ހުރި ޤައުމު ސަރުކާރަށް އެނގޭނެ ކަމަށެވެ. އަދި އޭނާއަށް ގުޅޭނެ ނަމްބަރާއި ހުރިހާ މައުލޫމާތެއް ފުލުހުންނަށް އެނގިތިބެ އިއްޔެ އޭނާ ހޯދަން އިއުލާނު ކުރީ ބަދުނާމުކުރުމުގެ ބޭނުމުގައި ކަމަށާއި އެއީ ފިނޑި އަމަލެއް ކަމަށެވެ.
އައްބާސް އާދިލް ރިޒާ މިހެން ބުނެފައިވަނީ މާލޭގެ އެކި ތަންތަނުގައި ހުޅުޖަހަން ހިތްވަރުދިނުމާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި ރޯކޮށްލުމަށް ގޮވާލާ ކުރި ޓްވީޓެއްގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާއި ގުޅިގެން އިއްޔެ ފުލުހުން އޭނާގެ ފޮޓޯ އާންމުކޮށް އޭނާ ހޯދަން އިއުލާނުކޮށްފައިވާތީއެވެ.
އައްބާސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާއާއި ދެކޮޅަށް ފުލުހުން ކުރާ ތުހުމަތުތަކާއި ގުޅިގެން ބަންދުގައި ހުއްޓާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރުމުން 13 ޖެނުއަރީގައި އޭނާ ދޫކޮށްލާފައި ވާ ކަމަށާއި، އަދި އެ ޝަރުތަކީ ފުލުހުންގެ ތަހްގީގު 30 ދުވަހުގެތެރޭގައި ނިންމުމާއި، އައްބާސްގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދިނުން ކަމަށެވެ.
އަދި ފުލުހުންނަށް ތަހްގީގު ކުރަން ދިން 30 ދުވަހުގެ މުއްދަތު ފެބުރުއަރީ 13 ގައި ހަމަވެފައިވާ ކަމަށާއި، ހަމަ އެ ދުވަހު އައްބާސްގެ ބައްޕަގެ ފުރާނައަށް ނުރައްކާވާ ބައްޔެއް ޖެހިގެން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް އޭނާގެ ބައްޕަގެ އހީތެރިއެއްގެ ގޮތުގައި އައްބާސްވެސް ދިޔަ ކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.
އައްބާސް އަކީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތައް އަދާކުރި، އަދި މިހާރުވެސް ރައީސް ޔާމީން އަށް ތާއީދުކުރާ ސިޔާސީ އެކްޓިވިސްޓެކެވެ. އައްބާސް ވަނީ އެކި ޕްލެޓްފޯމުތަކުގައި މިސަރުކާރަށް ފާޑުކިޔާ، ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކާފައެވެ.