ތިން ރަށެއްގެ ފުޓްބޯޅަ ދަނޑެއްގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މިއަދު ކޮންޓްރެކްޓަރުންނާ މަސައްކަތް ހަވާލު ކުރީ ރ. އިނގުރައިދޫ ފުޓްބޯޅަ ދަނޑާއި، ހދ. ކުމުންދޫ ފުޓްބޯޅަ ދަނޑާއި ބ. ދޮންފަނު ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފުރިހަމަ ކުރުމަށެވެ.
ބ. ދޮންފަނނު ފުޓްބޯޅަ ދަނޑާއި، ރ. އިނގުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޑެޓާއެވެ. އިނގުރައިދޫ ދަނޑުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،308.033.67 (ދެ މިލިއަން ތިން ލައްކަ އަށްހާސްތިރީސް ތިން ރުފިޔާ ފަސްދޮޅަސް ހަތް ލާރި) އަށެވެ.
ދޮންފަނު ދަނޑުގެ މަސައްކަތް އާރްކޭއެލް އާއި ހަވާލުކުރީ 2،315،381.03 (ދެ މިލިއަން ތިން ލައްކަ ފަނަރަހާސް ތިން ސަތޭކަ އައްޑިހަ އެއްރުފިޔާ ތިން ލާރި) އަށެވެ.
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ އާރްޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2،843،113.42 (ދެ މިލިއަން އަށްލައްކަ ސާޅީސް ތިން ހާސްއެއްސަތޭކަ ތޭރަ ފުރިޔާ ސާޅީސް ދެ ލާރި) އަށެވެ.
މި ތިން ދަނޑުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.