ކަނޑަށް ކުނި އަޅައިގެން ޖޫރިމަނާކޮށްފައިވާ 'އަލިމަތާ ރިސޯޓު' ގެ ޖޫރިމަނާގެ ބޮޑު ބައެއް ދައްކަން ނުޖެހޭ ގޮތަށް ޖޫރިމަނާގެ އަދަދު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުޑަ ކޮށްދީފިއެވެ.
އެ މައްސަލައިގައި އެ ރިސޯޓު ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހެވެ. ޖޫރިމަނާކޮށްފައިވަނީ 312،750 (ތިން ލައްކަ ބާރަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިންނެވެ.
އެހެންނަމަވެސް އެ ރިސޯޓުން މައްސަލަ އިސްތިއުނާފް ކުރުމާއި ގުޅިގެން، މައްސަލަ ބެލުމަށް ފަހު އީޕީއޭއިން ކަނޑައެޅި ޖޫރިމަނާ އިސްލާހު ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަންގާފައި ވާކަމަށް އީޕީއޭ އިން ބުނެއެވެ.
ކުޑަކުރި ޖޫރިމަނާ ފައިސާ ކަމަށްވާ 45000 ރުފިޔާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދެއްކުމަށް އެ ރިސޯޓަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.