ސައިފް އަލީ ހާން އަދި އޭނާގެ ކުރީގެ އަނބިމީހާ އަމްރިތާ ސިންގގެ ފިރެހެން ދަރިފުޅު އިބްރާހިމް އަލީ ހާންވެސް ބޮލީވުޑަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.
އިބްރާހިމްގެ ދައްތަ އަދި މަޝްހޫރު ބަތަލާ ސާރާ އަލީ ހާން ބުނީ އިބްރާހިމް މިހާރު ވަނީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޝޫޓިންތައް ނިންމާލާފައި ކަމަށެވެ. ސާރާ އެހެން ބުނީ ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައެވެ.
ސާރާ ބުނީ އިބްރާހިމް އޭނާގެ ފުރަތަމަ ފިލްމުގެ ޝޫޓިންތައް މިހާރު ނިންމާލާފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް އޭނާއަށް އެކަން ގަބޫލު ނުކުރެވޭ ކަމަށެވެ. ސާރާ އިތުރަށް ބުނީ، އޭނާއަށް ލިބިފައިވާ މަންމަ އަމްރިތާ ފަދަ އޯގާތެރި ހިތެއް ކަން އެނގުނީ، މަންމައާއި އެއްގޮތަށް އިބްރާހިމްއަށް ލޯބިދެވޭތީ ކަމަށެވެ.
ބޮލީވުޑް ހަންގަމާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އިބްރާހިމް ފެނިގެންދާ ފުރަތަމަ ފިލްމަކީ މަޅިޔާލަމް ފިލްމެއް ކަމަށްވާ ރިދަޔަމްގެ ހިންދީ ރީމެކެވެ. އެ ފިލްމުގެ ހިންދީ ރިމޭކަށް ކިޔަނީ ސަރުޒަމީން އެވެ.