ކުޅިވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިނުމާއި ރާއްޖޭގައި މިފަދަ ކުޅިވަރު ތަކުގައި އަންހެނުންގެ ދައުރު އިތުރުވެގެން ދިޔުމަކީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ލިބޭނެ ކުރިއެރުމެއް ކަމަށް ގަބޫލުކުރެވޭތީއާއި ދިވެހި ގައުމީ ޓީމުތައް މިގޮތަށް ކުޅޭ މުބާރާތްތަކަކީ ދިވެހިންނަށް ފަސޭހަކަމާއެކު ބެލޭނެ މުބާރާތްތަކަކަށް ހެދުމުގެ ރޫހުގައި މި މުބާރާތްވެސް މީޑިއާނެޓުން މިވަނީ ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެންނާނެ މަގު ތަނަވަސްކޮށްދީ، ދިވެހިރާއްޖޭގެ އަންހެން ވޮލީ ބޯޅަ ޓީމު ވާދަ ކުރާ ހުރިހާ މެޗެއް އައިސް ޓީވީ މެދުވެރިކޮށް ފެންނާނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި ޕީއެސް އމް ގެ ޔޭސްޓީވީއިން ފެންނާނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާ ދީފައެވެ. މީގެއިތުރުން, މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް މޮބައިލް ޑިވައިސްތަކުން މި މެޗުތައް ވަގުތުން ބަލާލެވޭނެއެވެ. ވީހާވެސް ގިނަ ބަޔަކަށް މި މުބާރާތުގައި ދިވެހި ގައުމީ ޓީމުގެ ކުޅުން ފެންނާނެ ގޮތްވުމަކީ މީޑިއާނެޓުގެ އެންމެ ބޮޑު އުންމީދެވެ.
ވޮލީބޯޅައަކީ ފާއިތުވި އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަގުބޫލު ކުޅިވަރަކަށްވަނީ ވެފައެވެ. ޚާއްސަކޮށް ރަށްރަށުގައާއި ރިސޯޓުތަކުގައި ފޯރިގަދަ ވޮލީ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ. ދާދި ފަހުން ދިވެހި ފަސްގަނޑުގައި ބޭއްވުނު ފުރަތަމަ ބައިނަލްއަގްވާމީ ވޮލީ މުބާރާތް ކަމުގައިވާ ފޯ ނޭޝަންސް ކަޕް ކުރިއަށް ދިޔައިރު ސޯޝަލް ސެންޓަރުން ފެނިގެންދިޔަ ކުޅިވަރުގެ ރޫޙާއި ކުޅިބަލަންތިބި މީހުންގެ ފޯރި އާއި ޖޯޝުން ވޮލީ ބޯޅައަށް ދިވެހިންގެ ހުރި ޝައުގުވެރިކަން ފާހަގަކޮށްލެވެއެވެ.
ދިވެހި އަންހެން ގައުމީ ވޮލީބޯޅަ ޓީމު މިފަހަރު މި ކުރިމަތިލަނީ މިއަދު ނޭޕާލުގައި ފަށާ ކާވާ ޗެލެންޖް ކަޕުގައި ވާދަކުރުމަށެވެ. ފޯ ނޭޝަންސް ކަޕުގައި މެލޭޝިޔާ އަދި ސިންގަޕޫރާ ވާދަކޮށް ރިހި މެޑަލް ހޯދި އަންހެން ވޮލީބޯޅަ ޓީމު މި މުބާރާތާ ކުރިމަތިލަނީވެސް މެޑަލެއްގެ އުންމީދުގައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ބައްދަލުކުރާނީ ކަޒަކަސްތާނާއި ދެކޮޅަށް ރާއްޖެގަޑިން މިއަދު 18:15 ގައެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ޓީމުންވަނީ އިއްޔެ ނޭޕާލުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮއްސައެވެ. ޓީމަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ކޯޗެއް ހަމަޖައްސާފައިވާއިރު މިފަހަރުގެ މުބާރާތުގައިވެސް ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަންކަން ކުރާނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިޔާކަމަށް ގިނަބަޔަކު ފާހަގަކުރާ ހައްވާ ރާޝިދާއެވެ.
މި މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ޖެހިޖެހިގެން ތިން ދުވަހު ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރާނެއެވެ. މިއަދު ގެ މެޗަށްފަހު މާދަމާ 17:45 ގައި ޓީމު ވާދަކުރާނީ އުޒްބެކިސްތާނާއެވެ. އަދި 24 މެއި ގައި އޮތީ އަވަށްޓެރި ސްރީ ލަންކާއާއި އެކު އޮތް ކުރިމަތިލުމެކެވެ. މި ހުރިހާ މެޗެއްވެސް އައިސް ޓީވީ އިން ފެންނާނެއެވެ. ހަމަ އެހެންމެ މި މެޗުތަކުގައި ކާމިޔާބު ހޯދާ ގައުމީ ޓީމު މުބާރާތުގައި ކުރިއަށް ގޮއްސި ކަމުގައިވާނަމަ އެ މެޗުތައްވެސް މީޑިއާނެޓުން އެ މެޗްތައްވެސް ވަގުތުން ގެނެސްދޭން ވަނީ ހަމަޖައްސާފައިއެވެ.
މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެވޭ ކުޅިވަރުގެ ފޯރިގަދަ މުބާރާތްތަކުގެ މެޗުތައް ގެނެސްދިނުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް ދިވެހި ޤައުމީ ޓީމުތައް ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ތަމްސީލުކުރާ މުބާރާތްތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް މީޑިއާނެޓުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
މީޑިއާނެޓްގެ އުންމީދަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމު މި މުބާރާތުގައި ކާމިޔާބީ ޙާސިލްކުރުމެވެ.