ރާއްޖޭގެ ޒުވާން ހުނަރުވެރިން އެއްތަންކުރުވާ "ފަންނުގެ ދަރިން" ޖަމިއްޔާއާއި، ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ގުޅިގެން ހުޅުމާލެ، އަދި ކުޑަގިރީގައި ހުނަރުވެރިންގެ ފަންނު ދައްކައިދިނުމަށް ބާއްވާ ސެޝަންތަކުގެ ތެރެއިން 27 ވަނަ ސެޝަން މިއަދު ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ކޮންމެ މަހަކު އެއްފަހަރު ބާއްވާ މި ސެޝަންތަކުގެ ތެރެއިން މި މަހުގެ ސެޝަން ބާއްވަން ތާވަލްކޮށްފައި ވަނީ މި އަދު ހަވީރު 16:00 އިން ރޭގަނޑު 22:00އާ ހަމައަށެވެ. މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލެގެ ދިރާގު ބީޗް ސަރަހައްދުގައެވެ.

އެޗްޑީސީ އާއި ފަންނުގެ ދަރިން ޖަމިއްޔާއާއި ގުޅިގެން ބާއްވަމުންދާ މި ސެޝަންތަކަކީ ރާއްޖޭގައި ތިބި ހުނަރުވެރިންގެ ފަންނުވެރިކަމާއި ޘަޤާފަތް ދައްކުވައިދޭގޮތަށް ކޮންމެ މަހަކު ބާއްވާ ސެޝަންތަކެކެވެ.

އެގޮތުން މި ސެޝަންތައް ކުރިއަށްގެންދަނީ އެކި ފަންނުވެރިންގެ ހުނަރުވެރިކަން ފެނިގެންދާނެ ސްޓޯލްތަކާއި، ދިވެހި މިއުޒިކް ބޭންޑުތަކުގެ ލައިވް މިއުޒިކާއި އެކުގައެވެ.

2019 ވަނަ އަހަރުވެސް ފަންނުގެ ދަރިން ޖަމިއްޔާގެ ފަރާތުން މި ސެޝަންތައް ކުރިއަށްގެންގޮސްފައިވާއިރު، މި ސެޝަންތައް މެދުކަނޑަލާފައި ވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް މި ސެޝަންތައް ފަށައި، އެޗްޑީސީއާއި އެކު އެއްބަސްވުމަކަށް އައިސްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.

އެޗްޑީސީ އާއި ގުޅިގެން ބޭއްވި ފުރަތަމަ ސެޝަން ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ސެންޓްރަލް ޕާކުގައެވެ.

އެޗްޑީސީ އަކީ އަބަދުވެސް އަމިއްލަ އުފެއްދުންތަކާއި، ހުނަވެރި ފަންނުވެރިންގެ މަސައްކަތަށް އެއްބާރުލުންދީ އެ ހުނަރުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް އެއްބާރުލުންދެމުން އަންނަ ކުންފުންޏެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ފަންނުގެ ދަރިން ސެޝަންއަކީ ވެސް އެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *