ޕީޖީ ހުސެއިން ޝަމީމު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ޖިނާއީ އަދުލުގެ ނިޒާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުވައްސަސާތަކަށް އެކްސެސްވެވޭ ޑާޓާބޭސް ލޯންޗް ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބާއްވަމުން އަންނަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޑާޓާ ބޭސްއާއި ގުޅޭ ގޮތުން ޕީޖީ ވިދާޅުވީ މިއީ ފަސޭހައިން އެކްސެސްވެވޭ ފަސޭހައިން ބޭނުން ކުރެވޭ އިންޓަގްރޭޑެޓް ޑޭޓާ ބޭސް ތައާރަފު ކުރުމުގެ މަގްސަދުގައި ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

މަސައްކަތް ބަލައިގަންނާނީ ކުރާ މަސައްކަތާއި އެއިން ނެރޭ ނަތީޖާ ސާފުކޮށް ފެންނަށް އޮވެގެން. އަޅުގަނޑު ދެކޭ ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފުޅާމާނައިގައި ކޮރަޕްޝަން"

ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގައި ބޭނުން ކުރާ އެންމެ މުހިންމު ހަތިޔާރަކީ ހާމަކަމާއި އެކު މައުލޫމާތު ހާމަކުރުމާއި ޓްރާންސްޕޭރެންސީ އިތުރުކުރުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ކޮންމެ ދުވަހަކުވެސް އާ ވައްތަރުގެ ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. އެގޮތުން ދިމާވި ކަމެއްގެ މައްޗަށް އަލިއަޅުވާލައްވަމުން ޕީޖީ ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ ލިސްޓެއް ޕީޖީ އޮފީހުން ނަގައިގެން ބެލި އިރު ފުލުސް އޮފީހުގައިވާ ލިސްޓާއި ކަރެކްޝްންސްގެ އިދާރާގައި އޮތް ލިސްޓާއި ފުށުއެރުންތައް އެބަހުރި ކަމަށެވެ.

މިކަހަލަ ކަމެއްގައި ދޮގެއް ތެދެއް ދެނެގަތުމަށް އިދާރާތަކުން ހައެއްކަ ސިޓީ ބިޓީ ބަދަލުކުރަން ޖެހޭ. ނަމަވެސް މިއަދު މި ގާއިމު ކުރެވޭ ނިޒާމުގުެ ތެރެއިން ކަރެކްޝަންސްއިން އެ ލިސްޓް އަޕްލޯޑް ކުރާ ހިސާބުން އެ މައުލޫމާތު ފުލުހުންނަށްވެސް އެމައުލޫމާތު ޕީޖީ އޮފީހަށްވެސް ފެނިގެންދާނެ. ރައްކާތެރި ކަމާއެކު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް މިހާރު މިވަނީ ގާއިމުކުރެވިފަ"

ޖިނާއީ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ އަސާސީ ހިދުމަތްތަކެއް ކަމަށާއި ކޮންމެ ގައުމެއްގައިވެސް އިގްތިސާދީ އަދި އިޖްތިމާއީ ހަމަޖެހުން ބިނާވެފައި އޮންނަނީ އަމަން އަމާންކަމުގެ މައްޗަށް ކަމަށް ޕީޖީ ފާހަގަ ކުރެއްވިއެވެ.

އަދި ދިވެހިރާއްޖެފަދަ ޓޫރިޒަމަށް އިގްތިސާދު ބިނާވެފައިވާ ގައުމެއްގައި އަމަން އަމާންކަމަކީ އަދި މާ މުހިންމު ކަމެއް ކަމަށް ޕީޖީ ވިދާޅުވިއެވެ.  ދިވެހިރާއްޖޭގައި އަމަން އާމާންކޮށް މިގޮތަށް މި އޮންނަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް ޕީޖީ ވިދާޅުވިއެވެ.

އަދި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުން ހިއުމަން ރައިޓްސް ކޮމިޝަނާއި، ޖެންޑާ މިނިސްޓްރީފަދަ ތަންތަނަށް މައުލޫމާތު ހިއްސާކުރުމަށް ޤާނޫނުތަކުގެން ލާޒިމު ކުރާކަން ފާހަގަ ކުރައްވާ ޕީޖީ ވިދާޅުވީ މިއަދު ލޯންޗް ކުރެވޭ މައުލޫމާތު ބަދަލުކުރުމުގެ ނިޒާމުގެ ތެރެއިން އެކަންވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުވައްސަސާތަކުގެ ތެރެއިން، ފުލުހުންނާއި ކަރެކްޝަނާއި ކޯޓުތައް ފަދަ މުވައްސަސާތަކަކީ 24 ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތް ކުރާ ތަންތަން ކަމަށާއި، އެހެންނަމަވެސް އެ މުވައްސަސާތަކުން މަސައްކަތް ކުރާ މިންވަރު އާންމުނަށް އެނގޭ މިންވަރު މަދުކަމަށް ފާހަގަކުރެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިއީ ރަނގަޅު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުރާ މަސައްކަތްތައް އާންމުންނަށް ފެންނާނެ ޕަބްލިކް ސްޓެޓިސްޓިކްސް ޕޯޓަލެއް ހެދުން ވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި، މިއަދު އެ ވެބްސައިޓްވެސް ތައާރަފް ކުރައްވާނެ ކަމަށް ޝަމީމު ވިދާޅުވިއެވެ.

 އަޅުގަނޑަށް ރައީސުލް ޖުމްހޫރިއްޔާ މަތިކުރެއްވި މަސްއޫލިއްޔަތުގެ ކޮންމެވެސް މިންވަރެއް ފުރިހަމަ ކުރެވިއްޖެ ކަމަށް އުންމީދު ކުރަނީ"

ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ  ޖިނާއީ އަދުލުގެ ނިޒާމުގައި ކުރެވޭ މަސައްކަތަށް ލިބޭ ލުއި ފަސޭހަ ލިބޭނީ މި ގާއިމުކުރެވޭ ވަސީލަތްތަކުގެ ބޭނުން ކުރާ މިންވަރަކުން ކަމަށެވެ.

މިއަދު މި ތައާރަފް ކުރާ ހުރިހާ ވަސީލަތްތަކުގެ ބޭނުން ކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ މުވައްސަސާއަކުން އަދި އެހެން މުއައްސަސާތަކުންވެސް މި ނިޒާމުގެ ބޭނުން ހިފާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިއަދު ލޯންޗް ކުރި ފަސޭހަކަމާއި އެކު މައުލޫމާތު ބަދަލުކުރެވޭ ޑާޓާބޭސް އަކީ އޮސްޓްރޭލިއާއި ސަރުކާރުގެ އެހީތެރިކަމާއެކު ފަރުމާ ކުރެވުނު 100 ޕަސެންޓް ދިވެހި ޑާޓާ ބޭހެއް ކަމަށްވެސް ޝަމީމު ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ ޑޭޓާ ބޭސް ތައްޔާރުކުރުމުގައި އެންމެ ބިދޭސީއެއްގެ ފަންނީ މަސައްކަތެއްވެސް ނޯންނާނެ ކަމަށް ފާހަގަ ކުރައްވާ މި ޕްރޮޖެކްޓްގައި މަސައްކަތްކޮށްދެއްވި ހުރިހާ ޑިވެލޮޕަރުންނަށް ޕީޖީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *