އަންނަ ޖޫން މަހު ކ. ތުލުސްދޫގައި ބައިނަލްއަގްވާމީ ރާޅާ އެޅުމުގެ މުބާރާތް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބާއްފާ ގޮތަށް ނިންމާ އެކަން ރަސްމީކޮށް ލޯންޗްކޮށްފިއެވެ.
މި އަހަރު ބޭއްވި ސްޕޯޓްސް އެވޯޑް ހަފުލާގައިވެސް ވަނީ މި މުބާރާތް ރާއްޖޭގައި ބާއްވާނެ ކަން އިއުލާނުކޮށްފައެވެ.
ބައިނަލްއަގްވާމީ ރާޅާ އެޅުންތެރިންނާއި ދިވެހި ހުނަރުވެރިން ބައިވެރިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ތުލުސްދޫގައި ކުރިޔަށްދާނީ 1 ޖޫން އިން 17 ޖޫން 2023 ގެ ނިޔަލަށެވެ.
20 ވަރަކަށް ގައުމުން ވާދަކުރާނެ ކަމަށް ބެލެވޭ މި މުބާރާތް ރަސްމީކޮށް ލޯންޗް ކޮށްދެއްވީ އިއްޔެ ބޭއްވި ހާއްސަ އިވެންޓެއްގައި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްއެވެ.
އެ އިވެންޓުގައި ވަނީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ރަސްމީ ލޯގޯ ދައްކާލާފައެވެ. ލޯގޯގެ ފަރުމާ ކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ހިތްގައިމުކަން ރަމްޒުކޮށްދޭ ރާޅެއްގެ މަސްޒަރެއް ސިފަވާ ގޮތަށެވެ.