ދިވެހި ޕްރިމިއާ ލީގުގެ މެއިން ސްޕޮންސަރަކަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ހަމަޖައްސާއި އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ހޯމަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސްޕޮންސަރޝިޕް އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހް އެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއި ކުރއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
މީގެ ކުރިން އުރީދޫ މޯލްޑިވްސް އާއި ދިރާގުން ސްޕޮންސަރ ކުރަމުން ދިޔަ ދިވެހި ޕްރިމިއާ ލީގުގެ މެއިން ސްޕޮންސަރަކަށް އެމްޑަބްލިޔުއެސްސީ ހަމަޖައްސާފައިމިވަނީ މުޅިން އަލަށެވެ.
ދިވެހި ޕްރިމިއާ ލީގުގައި 8 ޓީމަކުން ކުޅޭ އިރު މީގެ ކުރިން ޕްރިމިއާ ލީގު ބާއްވަނީ ހަމައެކަނި މާލޭގައި ހުރިހާ މެޗެއް ކުޅޭ ގޮތަށެވެ. އެހެންނަމަވެސް މިހާރު އެ ލީގުގެ ފޯމެޓަށް ބަދަލުގެނައުމުގެ މަޝްވަރާތަކެއް އެފްއޭއެމްއިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެހެންކަމުން އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުން ބަދަލުތަކެއް ފެނުން އެކަށީގެންވެއެވެ. އަދި ކުރިން ރޭވިފައިވާ ގޮތަށް މުބާރާތް ކުރިޔަށް ގެންދާނަމަ މެޗުތައް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެހެންނަމަވެސް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް ބަޖެޓްގެ ދަތިތަކެއް ހުރި ކަމަށް މީގެ ކުރިންވެސް ވަނީ ފާހަގަކުރެވިފައެވެ.