ދިވެހިރާއްޖެ އާއި ސާބިއާ އާއި ދެމެދު މުހިންމު އެއްބަސްވުންތަކެއް ގާއިމުކޮށްފިއެވެ.

ރާއްޖެ އާއި ސާބިއާ އާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރ އަބުދުالله ޝާހިދެވެ.

އެގޮތުން މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި  އެއާ ސަރވިސް އެގްރިމެންޓެއް ހިމެނެއެވެ.

ރާއްޖެ އާއި ސާބިއާ އާއި ދެމެދު މިއަދު ވެވުނު ވައިގެ ޚިދުމަތުގެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓަރ އަބުދުالله ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ވަނީ އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްޓަކައި ދިވެހިރާއްޖެ އާއި ސަބިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓްތަކަށް އާ މާކެޓެއް ލިބި، ސަރބިއާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ސާބިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއިދެމެދު ޑިޕްލޮމެޓިކް ތަޢުލީމުގެ ރޮނގުން ސޮއިކުރެވުނު އެއްބަސްވުމަކީ ދެ ގައުމުގެ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ ދެ ޤައުމުގެ ފޮރިން ސަރވިސް އޮފިސަރުންނަށް ތަމްރީނާއި ތަޖުރިބާ ލިބިގެންދާނޭ ފުރުސަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ދިވެހިރާއްޖެ އާއި ސާބިއާ އާއި ދެމެދު ކުޅިވަރުގެ ދާއިރާއިން ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ސާބިއާގައި ތަމްރީނުވެ ތަޖުރިބާ ހޯދުމަށް އައު ދޮރުތަކެއް ހުޅުވި ދިވެހި ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރ އަބްދުالله ޝާހިދު ސާބިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *