ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

އެމްއެމްޕީއާރްސީ އިން ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރުމުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގައި ހިމެނޭ، ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ފުއްގިރި ކުށްޔަށް ދިނުމުގައި ރިޝްވަތު ނެންގެވި ކަމަށާއި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތްތައް ފަށާފައިވާއިރު މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހެކިން ހާޒިރު ކުރުމަށް ތާވަލުކޮށްފައެވެ.

ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފައިވަނީ ދައުވާތަކުގެ އަޑުއެހުން ހޯމަ ދުވަހާއި ހަމައަށް މަޑު ޖައްސާލުމަށެވެ. މިއަދު ސުޕްރީމް ކޯޓުގައި ކުރިޔަސްގެންދިޔަ އަޑުއެހުމަކީ ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި ގުޅޭ ގޮތުން ރައީސް ޔާމީނުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގެ ފުރަތަމަ އަޑުއެހުމެވެ.

ފުއްގިރި މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އިފްތިތާހީ ބަޔާން އިއްވާފައެވެ. އެ އަޑުއެހުން ބާއްވާފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހެވެ.

އެ އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކިންގެ ހެކިބަސް ނެގުން ކަމަށް ވިދާޅުވެފައެވެ. ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހަށް ސަން އިންވެސްޓްމެންޓްސްގެ ވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ހިމެނޭހެން 6 ފަރާތެއް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *