މޯލްޑިވްސް  އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް  ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.

ކެއާ ސޮސައިޓީ އާއި ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން މިއަދު އެއަރޕޯޓުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާޙިމް ތޯހާ އަދި ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އަހްމަދު އާތިފް އެވެ.

މިއަދު އިފްތިތާހް ކުރެވުނު އިންޓަންޝިޕް ޕްރޮގްރާމުގެ ދަށުން ކެއަރ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ދެވިފައެވެ.

މިފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކުދިންނަކީވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން މިއަދު ވެވުނު އެއްބަސްވުމުގައި ކެއަރ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސަރކޮށް ދިނުމަށް އެމްއޭސީއެލްއިން ވަނީ އެއްބަސްވެފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކެއަރ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް މި ފަހުމުނާމާގައިވަނީ އެއްބަސްވެފައެވެ.

މި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާ ވިދާޅުވީ މިއަދު މިވެވުނު އެއްބަސްވުމަކީ، އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމަޢުގައި ތިބި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތައް ރާވާފައިވާނީ ދެމެހެއްޓެނިވި ތަރައްޤީއާއި، މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ތައުލީމާއި، ތިމާވެށީގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ކަމަށް ތޯޙާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން ކަމަށެވެ. އަދި ހާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ. އަދި އެމްއޭސީއެލްއާއި އެކު މިއަދު ފެށުނު މަސައްކަތަކީ މިކަމުގެ ފެށުމެއްކަމަށާއި ކުރިއަށް އޮތްތާގައި އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތައް މިކަމުގައި އެއްބާރުލުންދޭނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި  އެމްއޭސީއެލަށް އެކަމަށްޓަކައި ޝުކުރު  އަދާކުރައްވާ ކަމަށެވެ.

އެމްއޭ.ސީއެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައިވެސް މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *