މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

ރ. ފުށްގިރި ކުށްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި އެ ފައިސާ ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ދައުވާ އާއި ގުޅިގެން ހެކިބަސް ނެގުމަށް، ސަން އިންވެސްޓްމެންޓްގެ ވެރިޔާ އަދި މީދޫ ދާއިރާގައި ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި އިތުރު ފަސް ފަރާތެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ފުއްގިރި މައްސަލައިގެ ޝަރީއަތް ފެށުމަށް ކުރިން ބޭއްވި ދެ އަޑުއެހުމުގައިވެސް ރައީސް ޔާމީނުގެ ފަރާތުން ވަނީ އިފްތިތާހީ ބަޔާން އިއްވުމަށް ދެކޮޅު ހައްދާފައެވެ. އެހެންނަމަވެސް މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އިފްތިތާހީ ބަޔާން އިއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދެން އޮންނާނީ މި މައްސަލަގައި ހެކި ބަސް ނެގުން ކަމަށާއި އެގޮތުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އަށް ހެކިބަސްނެގުމުގެ ފުރަތަމަ އަޑުއެހުން ތާވަލުކުރައްވާނެ ކަމަށެވެ.

އާދިއްތަ ދުވަހު 6 ފަރާތެއްގެ ހެކިބަސް ނަގަން ހަމަޖެހިފައިވާއިރު، މޯލްޑިވްސް ޑިވެލޮޕްމެޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، ސިޔާމްގެ އިތުރުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ އަލީ މައުރޫފުގެ ހެކިބަސް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ، ހެކިބަސް ނެގުމުގެ ކުރިން ބައެއް ހެކިތައް ބަލައިނުގަތުމުގެ އިއުތިރާޒެއް ހުށަހަޅަން ބޭނުންވާކަމަށް ދަންނަވާފައެވެ.

އެ ހުށަހެޅުމާއި ގުޅިގެން ގާޒީ ވިދާޅުވީ އެ އިއުތިރާޒު މާދަމާ ހެނދުނު 10:00 ގެ ކުރިން ލިޔުމުން ހުށަހެޅުއްވުމަށް އަންގަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *