ރަންތާޖު ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ރަންތާޖު ޤުރުއާން މުބާރާތުން އެނގިގެން ދިޔައީ، ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރަންތާޖު ޤްރުއާން މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ ހުނަރާއި ފަންނު ލިބިފައިވާ ވަރަށް ގިނަ ޒުވާނުން ރާއްޖޭގައި އެބަތިބިކަން މި މުބާރާތުން ސާބިތުވެގެން ހިނގައްޖެކަމަށެވެ.

އަދި އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށާއި، އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކުރާނެ އެތައް ޤާރީންނަކާއި އެތައް ޙާފިޒުންނެއް އުފެއްދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ، ރަން ތާޖު ޤުރުއާން މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ވެސް، ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރު ލިއްބައިދިނުން ހިމަނާފައި އޮތުމަކީވެސް މި މުބާރާތް ޚާއްޞަވެގެންދާ މުހިންމު ސަބަބެއް ކަމަށެވެ. އަދި މިމުބާރާތުގައި، ޤުރްއާނުގެ ޢިލްމުގެ ބަޔާއި، ޤުރްއާން ތަފްސީރުގެ ބައި ހިމަނާފައި އޮތުމަކީ، މި މުބާރާތުގެ މަތިވެރިކަން އިތުރުވެގެންދާ ސަބަބެއްކަން ފާހަގަކުރައްވައި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ކުރާ މަސައްކަތާއި އެކަމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިޙަފްލާގައި ރަންތާޖު ޤުރުއާން މުބާރާތް ކާމިޔާބުކޮށް ރަންތާޖު ޙާޞިލްކުރި މުޙައްމަދު ސާއީ މުބާރިކަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މުބާރާތުން 2 ވަނަ ޙާޞިލް ކުރި ފާތިމަތު ތުޤާ ޙަލީމަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މުބާރާތުގެ 3 ވަނަ ޙާޞިލްކުރި، ޔައީޝް މުޙައްމަދު ނިޔާޒަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ރާއްޖެޓީވީ ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އެއްވަނަ ބައިވެރިޔާއަށް 3 ލައްކަރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައިވާ މިމުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުބާރާތެވެ. މިމުބާރާތުގެ އޮޑިޝަނުގައި ރާއްޖޭގެ 6 ސަރަހައްދަކުން 111 މީހުން ބައިވެރިވިއިރު، މުބާރާތުގައި ވާދަކޮށްފައި ވަނީ 20 ބައިވެރިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *